ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހުއްޓުވޭނީ ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށް އުރުގުއޭގެ ކޯޗު އޮސްކާ ޓަބަރޭޒް ބުނެފިއެވެ.

ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ ޕޯޗުގަލްއާ އާއި އުރުގުއޭ ބައްދަލުކުރާއިރު މި މުބާރާތުގައި ރޮނާލްޑޯ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މުބާރާތުގައި ކުޅުނު ތިން މެޗުގައި އޭނާ ވަނީ ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ.

މިރޭގެ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން އުމުރުން 71 އަހަރުގެ ޓަބަރޭޒް ބުނީ ރޮނާލްޑޯ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފޯވާޑު ކަމަށް ގަބޫލުކުރާ ކަމަށާއި އެންމެ ކުޅުންތެރިއަކަށް ރޮނާލްޑޯ ހިފެހެއްޓުމަކީ އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ރޮނާލްޑޯގެ ނުފޫޒު މެޗު ތެރޭގައި ކުޑަކުރަން ބޭނުން ނަމަ، އަހަރުމެންޖެހޭނީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން. އެއީ އެންމެ ކުޅުންތެރިއަކަށް ވާނެ ކަމެއް ނޫން. ޑިއޭގޯ ގޮޑީން (އުރުގުއޭގެ ޑިފެންޑަރެއް) އަށް ވެސް އެކަނި އެކަމެއް ނުކުރެވޭނެ" ޓަބަރޭޒް ބުންޏެވެ.

ރޮނާލްޑޯއާ މެދު ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށާއި ނަމަވެސް ހަމައެކަނި އެކަމާމެދު ވިސްނުން ބަހައްޓައިގެން އަދި ފަރުޖައްސާލެވެން ނެތް ކަމަށްވެސް ޓަބަރޭޒް ބުންޏެވެ. އަދި ޕޯޗުގަލް އިން އެންމެފަހުން ކުޅުނު މެޗުގެ ފުރަތަމަ އެގާރާގައި ހިމެނުނު 11 ކުޅުންތެރިންގެ ތެރެއިން ނުވަ ކުޅުންތެރިންނަކީ ޔޫރޯގެ ޗެމްޕިއަންކަން ހޯދާފައިވާ ކުޅުންތެރިން ކަމަށާއި މިކަމުން ވެސް އެޓީމުގެ ފެންވަރު ވަރަށް ރަނގަޅު ސާބިތުވާ ކަމަށްވެސް ޓަބަރޭޒް ބުންޏެވެ.

"މި މެޗަށް ނިކުންނައިރު އަހަރުމެންގެ މޯޓިވޭޝަން މިހުރީ ވަރަށް ރަނގަޅަށް. ޕޯޗުގަލް ބަލިކުރުން ވެގެންދާނީ ވަރަށް ހިތްގައިމު ކަމަކަށް. އެކަން ކުރުމުގެ ފުރުސަތު އަހަރުމެންނަށް އެބައޮތް. ކާމިޔާބު ހޯދަން ކުރެވެން އޮތް ހުރިހާ ކަމެއް އަހަރުމެން ކުރާނަން" ޓަބަރޭޒް ބުންޏެވެ.

ޕޯޗުގަލްއާ ދެކޮޅަށް ނިކުންނައިރު މުބާރާތުގެ ދެވަނަ ބުރަށް އުރުގުއޭ ދަތުރުކުރީ ބައިކޮޅަށް އެންމެ ގޯލެއް ވެސް ނުވައްދާކަން ފާހަގަކޮށްލެވެއެވެ.

ޕޯޗުގަލް އާއި އުރުގުއޭ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 11 ޖަހާއިރުއެވެ.