ރަޝިޔާގައި މިހާރު ކުރިއަށް ދާ ވޯލްޑް ކަޕާއި ގުޅުވައިގެން ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން އެމްބެސެޑަރ މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ގެ އިސްނެންގެވުމުގެ މަތިން ސޯސަން ވިލާގައި ސަރުކާރުން ޤާއިމް ކޮށްފައިވާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމްއީސީސީ) ގައި މިނީ ވާރލްޑް ކަޕް ފުޓްސެލް މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

ވާރލްޑް ކަޕްގެ ފޯރި ގަދަކުރުމުގެ ގޮތުންނާ ލަންކާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުން އެއްތަނަކަށް ޖަމާވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކުރުމުގެ ބޭނުމުގައި ރޭ ސަފީރުގެ އޮފިޝަލް ރެސިޑެންސްގައި ރޭގަނޑުގެ ފަރީއްކޮޅަކާއެކު ބޭއްވި ޙަފްލާގައި މިމުބާރާތް އިއުލާން ކުރައްވާ ޓީމް ތަކުގެ ގުރުނެގުން އޮތެވެ.

މިމުބާރާތުގައި ވާދަ ކުރާނީ މިހާރު އެމްއީސީސީގައި ރެޖިސްޓަރ ކޮށްފައިވާ 13 ޓީމުގެ ކުޅުންތެރިން ރޭންކްކޮށް އަދި ސީޑް ކޮށްގެނެވެ. އަންނަ ޖުލައި މަހުގެ 8 އިން 10 އަށް އެމްއީސީސީގެ ފުޓްސެލް އެރީނާގައި ބާއްވާ މި މުބާރާތުގައި ކުޅުންތެރިން ތަމްސީލުކުރާނީ، މިހާރު ރަޝިޔާ 2018 ގެ ރައުންޑް އޮފް 16 އަށް ދަތުރުކޮށްފައިވާ ގައުމުތަކުގެ ތެރެއިން 12 ގައުމެކެވެ. އެއީ އާޖެންޓީނާ، ފްރާންސް، ޕޯޗުގަލް، އުރުގުއޭ، ބްރެޒިލް، މެކްސިކޯ، ކްރޮއޭޝިއާ، ބެލްޖިއަމް، އިންގްލޭންޑް، ސްޕެއިން، ރަޝިޔާ އަދި ކޮލޮމްބިއާއެވެ.

މިމުބާރާތާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ސަފީރު މުންދު ވިދާޅުވީ މި މުބާރާތުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނަށްވެސް ވާރލްޑް ކަޕް ރެޕްލިކާ ޖާރޒީ އެމްއީސީސީގެ ފަރާތުން ފޯރުކޮށްދޭނެއެވެ. އަދި ޗެމްޕިއަން ޓީމަކަށް ވާރލްޑް ކަޕް ރެޕްލިކާ ތައްޓާ އެކު 50،000 ރުޕީސްގެ އިނާމެއް ދޭނެކަމުގައި ވިދާޅުވިއެވެ. މި މުބާރާތުގެ ރަނަރަޕް ޓީމަށް ދާ ޓީމަކަށް 30،000 ރުޕީސް އަދި 3 ވަނަ އަށް ދާ ޓީމަކަށް 20،000 ރުޕީސް ދޭނެކަމުގައިވެސް ވިދާޅުވިއެވެ. މީގެ އިތުރުން، މި މުބާރާތުގެ ހުރިހާ މެޗެއްވެސް ވަނީ ލައިވް ސްޓްރީމް ކުރުމަށް ހަމަޖެހިފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.

ހަމަ މިގޮތަށް ވާރލްޑް ކަޕްގެ ފޯރި ގަދަކުރުމުގެ ގޮތުން ސަފީރު މުންދުގެ ބެއްލެވުމުގެ ދަށުން އެމްބަސީއާ އެމްއީސީސީގެ މުވައްޒަފުންގެ މެދުގައި މިހާރު ކުރިއަށްދާ ވާރލްޑް ކަޕްގެ މެޗު ތަކުގެ ސްކޯރ ދިމާ ކުރުމުގެ މަބާރާތުގެ ތަފްޞީލް ހާމަ ކުރުމާ، ވާރލްޑް ކަޕާ ގުޅޭ އިތުރު ކުއިޒް މުބާރާތެއްވެސް ތައާރަފް ކުރުން ރޭގައި އޮތެވެ.

ވާރލްޑް ކަޕް ބޮޑު ސްކްރީންގައި ބެލުމުގެ ފުރުޞަތުވެސް ސަރުކާރުން ސޯސަން ވިލާގައި ފަހި ކޮށްދީފައިވާނެ ކަމަށާއި މެޗްތައް އޮންނަ ވަގުތުތަކުގައި ކެންޓީނުގެ ޚިދުމަތް ހުއްޓުމެއްނެތި ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމުގައި އެމްބަސީއިން މައުލޫމާތު ދެއްވައެވެ.