ރާއްޖޭގައި އެކަނި ފުރަތަމަ ފަހަރަށް ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް" ގެ ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ސްރީލަންކާ އާއި ބަންގްލަދޭޝް އެވެ. މި ދެ ޓީމަކީވެސް މި ސަރަހައްދުގެ ފުޓުބޯޅައިގައި މުހިއްމު ދެ ނަމެވެ. އަދި ސަރަހައްދީ ތަށި މީގެކުރިން ހޯދާފައިވާ ދެ ގައުމެވެ.

ހުކުރުދުވަހުގެ ހަވީރު 16:00 ގައި މި މެޗު ފަށާއިރު ދެ ޓީމުގެ ތެރެއިން އެންމެ ދަށް ހާލަތެއްގައި އޮތީ ސްރީލަންކާއެވެ. އެ ޓީމު އެންމެފަހުން ބައިނަލްއަޤްވާމީ މެޗެއް ކުޅެފައިވަނީ މިއަހަރުގެ ޖޫންމަހުގައެވެ. ވޯލްޑްކަޕް ކޮލިފައިންގައި ސައުތު ކޮރެއާ އަތުން 5-0 އިން ބަލިވި މެޗަށްފަހު އަދި މިހާތަނަށް އެ ގައުމުން މެޗެއް ނުކުޅެއެވެ. އެއީ މުޅި ގައުމު ލޮކްޑައުންގެ ހާލަތުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނަން ޖެހުމުންނެވެ.

ނަމަވެސް އެ ޓީމަށް ބޮޑު ހިތްހަމަޖެހުމެއް އެބައޮތެވެ. އިނގިރޭސި ވިލާތުގެ ކުއީން ޕާކް ރޭންޖަސްއަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރ ޑިލޮން ޑި ސިލްވާ އެ ޓީމުގައި ހިމެނުމަކީ އެ ޓީމަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. މިއީ ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއްގައި އޭނާ ފެނިގެންދާ ފުރަތަމަ ފަހަރެވެ. ލަންކާގެ ކޯޗުވެސް ފާހަގަކުރާ ގޮތުގައި މިއީ އެ ޓީމަށް އޮތް ފައިދާއެކެވެ.

އަނެއްކޮޅުން ބަންގްލަދޭޝް އަކީ މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ފޯމުގައި އޮތް އެއް ޓީމެވެ. އެ ގައުމުގެ ލީގު ޗެމްޕިއަން ބަޝުންދުރަ ކިންގްސްގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މި ސްކޮޑު ވަނީ ލީގު ޗެމްޕިއަންކަން ހޯދާ ރާއްޖޭގައި ބޭއްވި އޭއެފްސީ ކަޕުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކާފައެވެ. އެއާއެކު އެ ގައުމުގެ ގައުމީ ކޯޗު ޖޭމީ ޑޭ ގެ ބަދަލުގަައި ކޯޗުކަން ބަޝުންދުރަ ކޯޗު އޮސްކާ ބްރުޒޮން އަށް ދޭން ނިންމީވެސް މި ސަބަބުތަކާހުރެ އެވެ.

ހެޑް ޓު ހެޑް

ބަންގްލަދޭޝް އާއި ސްރީލަންކާ އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ މެޗެއް ކުޅެފައިވަނީ 1979 ގެ ޕްރެޒިޑެންޓްސް ކަޕުގައެވެ. މި މެޗު ބަންގްލަދޭޝް ކާމިިޔާބުކުރީ 3-1 އިންނެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލުކޮށްފައިވަނީ 2018 ވަނަ އަހަރު ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗެއްގަައެވެ. މި މެޗު ސްރީލަންކާ ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މި ދެ ޓީމު ވަނީ މިހާތަނަށް 16 ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. މީގެތެރެއިން ބަންގްލަދޭޝް ވަނީ 10 ފަހަރެއްގެ މަތިން މޮޅުވެފައެވެ. އަދި ސްރީލަންކާ ވަނީ 4 ފަހަރެއްގެ މަތިން މޮޅުވެފައެވެ. މި ދެ ޓީމު ކުޅުނު މެޗުތަކުގެ ތެރެއިން އެއްވަރުވެފައިވަނީ 2 މެޗުންނެވެ.

އަރާނެކަމަށް ބެލެވޭ ފުރަތަމަ އެގާރަ

ބަންގްލަދޭޝް

އަނިސުރް ރަހްމާން ޒިކޯ، ޔާސިން އަރަފާތް، ރަޒައުލް ކަރީމް، ޓުޓުލް ހޮސެއިން ބަދްޝާ، މުހައްމަދު ރިދޯއީ، ޖަމާލް ބުޔާން، ސާދް އުއްދީން، ރާކިބް ހޮސެއިން، މުހައްމަދު އިބްރާހިމް، މާޓިން މިއާ، ސުމަން ރެޒާ

ސްރީލަންކާ

ސުޖަން ޕެރޭރާ، ހަރްޝާ ފެނާންޑޯ، ސުނިލް ރޯޝަން، ޗަރިތާ ރަތްނަޔަކެ، ޑަކްސަން ޕުސްލަސް، ކަވިންދު އިޝާން، ޑިލިއަން ޑި ސިލްވާ، އެޑިސަން ފިގުރާޑޯ، އަމާން ފައިޒާ، ރިފްކާން މުހައްމަދު، މުހައްމަދު ޝިފާން

ދެ ކޯޗުންގެ ބަސް

އޮސްކާ ބްރުޒޮން (ބަންގްލަދޭޝް)

ކުއްލިގޮތަކަށް ގައުމީ ޓީމާއި ހަވާލުވި ނަމަވެސް ޓީމަށް މާ ބޮޑު ތަފާތެއް ގެންނާކަށް ނުޖެހުނެވެ. ބަޝުންދުރަ ކިންސްގައި އެކުގައި މަސައްކަތްކުރި ކުޅުންތެރިން ހިމެނުމަކީ އޭނާއަށް އޮތް އެންމެބޮޑު ހިތްހަމަޖެހުމެވެ. އަދި އޭނާގެ ކުޅުމުގެ ވައްޓަފާޅިއަށް ހާނުވަން މާ ބޮޑު މަސައްކަތެއް ކުރަން ނުޖެހުނަސް ފުރަތަމަ މެޗުން މޮޅެއް ހޯދަން ގަދައަޅާ މަސައްކަތްކުރާނެ ކަމަށް ކޯޗު ބުންޏެވެ. އަދި ސްރީލަންކާ މެޗެއް ނުކުޅެ ގިނަދުވަސް ވުމަކީ އެޑްވާންޓޭޖެއްގެ ގޮތުގައި ވެސް ކޯޗު ފާހަގަކުރި އެވެ.

އާމިރް އަލަގިޗް (ސްރީލަންކާ)

ލޮކްޑައުންގައި ދިގު މުއްދަތެއް ހޭދަކުރަން ޖެހުމުގެ ސަބަބުން ކުޅުންތެރިންގެ ފިޓްނަސް އަށް ބޮޑު އަސަރުތަކެއް ކުރިއެވެ. އެއާއެކު ކުރު މުއްދަތެއްގައި މުބާރާތަށް ތައްޔާރުވެ ސައުދީގައި ކުރި ކޭމްޕުން ރަނގަޅު ކަންކަން ފެނިގެންދިޔަ ކަމަށާއި ނަމަވެސް ފުރަތަމަ މެޗުން ސީދާ މޮޅެއް ހޯދުން އެއީ ވަރަށް އުނދަގޫވާނެ ކަމެއްގެ ގޮތުގައި ކޯޗު ބުންޏެވެ.