ރާއްޖެއަކީ އޭނާގެ ފުޓުބޯޅަ ހަޔާތުގައި ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް ކަމަށާއި އެހެންކަމުން މިއީ ޖަޒުބާތީ މެޗަަކަށް ވި ނަމަވެސް ކުރިމަތިލާނީ ޕްރޮފެޝަނަލްކޮށް ކަމަށް ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފިއެވެ.

އޮސްކާ ވަނީ ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗުކަން އެއް އަހަރަށް ކޮށްފައެވެ. އެ އެއް އަހަރުގެ ތެރޭގައި އޭނާ ވަނީ ނިއުއަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައެވެ. އޭގެ ޖެހިގެން އައި އަހަރު އޭނާ ބަދަލުވީ ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އަށެވެ.

މިއީ ބަންގްލަދޭޝް ގައުމީ ޓީމާއެކު ރާއްޖެއާއި ކުރިމަތިލާ މެޗެއް ކަމުން އޮސްކާ ދެކޭގޮތުގައި މިއީ އޭނާއަށް އެތަކެއް ގޮތަކުން ހާއްސަ މެޗެކެވެ. އަދި މުޅި ރާއްޖެ ޓީމުގައި ތިބީ އެކުވެރިން ކަމަށާއި އެ ހުރިހާ އެކުވެރިންނަކީ ވެސް ވަރަށް ގާތް ބައެއްކަމަށް ކޯޗު ބުންޏެވެ.

މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އޮސްކާ ބްރުޒޮން ބުނީ ރާއްޖެއަކީ އަބަދުވެސް ވަރަށް ބޮޑަށް ގުޅިފައި އޮންނަ ތަނެއް ކަމަށާއި ގައުމީ ޓީމުގައި މިހާރު ތިބި ގިނަ ކުޅުންތެރިންނަކީ ގާތް ރަހުމަތްތެރިން ކަމަށެވެ.

އެންމެފަހުން ބަންގްލަދޭޝް ލަންކާއާއި ދެކޮޅަށް ކުޅުނު ފުރަތަމަ އެގާރަ-- ވަގުތު އިމޭޖަސް އަބްދުﷲ އަބީދު

މާދަމާރޭގެ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ބުނީ ރާއްޖެ އަކީ އޭނާގެ ކެރިއަރުގައި ކެރިއަރުގައި ވަރަށް ހާއްސަ މަސައްކަތެއް ކުރެވުނު ތަނެއް ކަމަށެވެ. އަދި އޭނާ ރާއްޖެއާ އަަބަދު ވެސް "ވަރަށް ބޮޑަށް ގުޅިފައި" އޮންނަ ކަމަށް އޮސްކާ ބުންޏެވެ.

"ރާއްޖޭގެ ޓީމުގައި ހަތެއް ނޫނީ އަށް ކުޅުންތެރިން އެއީ އަހަރެންގެ ރަހުމަތްތެރިން، ގުޅުން އަބަދުވެސް ވަރަށް ގާތުން އޮވޭ، ސުޒެއިން އަކީ ރާއްޖޭގައި އަހަރެން އުޅުނު އިރު އަހަންނާ އެންމެ ވާދަވެރި އެއް ކޯޗު، ހަމައެގޮތަށް ގޯލްކީޕަރު އިމްރާންވެސް އެފަދަ" އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ ކިތަންވެ ގާތް ބަޔަކު ރާއްޖޭގެ ޓީމުގައި ތިބި ނަމަވެސް މިއީ 90 މިނެޓަށް އެކަން ހަނދާން ނައްތާަންޖެހޭ މެޗެއް ކަމަށެވެ. އަދި އެ ވަގުތު ހުރިހާ ވިސްނުމެއްވެސް ހުންނާނީ ޓީމަށް މޮޅެއް ހޯދައިދިނުމަށް ކަމަށްވެސް ކޯޗު ބުންޏެވެ.

ރާއްޖެއާއި ބަންގްލަދޭޝް މެޗު ފަށާނީ މާދަމާރޭ 21:00 ގައެވެ. މިއީ މި މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ވަނީ ނޭޕާލް އަތުން 1-0 އިން ބަލިވެފައެވެ. ބަންގްލަދޭޝްގެ މިއީ ތިންވަނަ މެޗެވެ. ފުރަތަމަ މެޗުން ސްރީލަންކާ އަތުން މޮޅުވިއިރު ދެވަނަ މެޗުން އެ ޓީމު ވަނީ އިންޑިއާ އާއި އެއްވަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޮރިލް

    ދިވެހި ޤައުމީޓީމު ވެސް މާދަމާ ކުޅޭނީ ވަރަށް ޕްރޮފެޟަނަލް ކޮށް / 90 މިނިޓް ނިންމާނީ ކޯޗްގެ ރައްޓެހިކަން ހަނދާންނައްތާ //. ދިވެހީން މޮޅުވާނެ އިންޟާ ﷲ ))

    10