އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބަންގްލަދޭޝްއާއި ބައްދަލުކުރާއިރު މި މެޗަށް އަލީ އަޝްފާގު (ދަގަނޑޭ) ފިޓުކަމަށާއި އެއީ މުޅި ޓީމަށްވެސް ލިބޭ ހިތްހަމަޖެހުމެއް ކަމަށް ގައުމީ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

މި މެޗާއި ކުރިމަތިލާއިރު ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން 1-0 އިން ވަނީ ބަލިވެފައެވެ. އެހެންކަމުން މުބާރާތުގައި އިތުރަށް ކުރިޔަށްދާން މި މެޗުން ރާއްޖެ މޮޅެއް ހޯދަންޖެހެއެވެ. އެއްވަރުވެ، ނުވަތަ ބަލިވިޔަސް ރާއްޖެއަށް މުބާރާތުގެ ފައިނަލަށް ދާން އިތުރު އުނދަގޫތަކާއި ކުރިމަތިލާން ޖެހޭނެއެވެ.

ބަންގްލަދޭޝް މިހާތަނަށް ދެ މެޗު ކުޅެފައިވެއެވެ. ފުރަތަމަ މެޗުގައި ސްރީލަންކާ އަތުން މޮޅުވިއިރު ދެވަނަ މެޗުގައި އިންޑިއާ އަތުން ނިމުނީ އެއްވަރުވެގެންނެވެ.

ސާފް ޗެމްޕިއަންޝިޕް ގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒެއިން ބުނީ މެޗުގެކުރިން ބޭއްވި ފަރިތަކުރުންތަކުގައި ދަގަނޑޭ ފެންނަނީ ރަނގަޅު ފޯމެއްގައި ކަމަށާއި އެހެންކަމުން މި މެޗުގެ ފުރަތަމަ އެގާރައިގައި ދަގަނޑޭ ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

މީގެއިތުރުން މި މެޗަށް ނެރޭ ފުރަތަމަ އެގާރައަށް މާ ބޮޑު ބަދަލެއް ނުގެންނާނެ ކަމަށާއި ފުރަތަމަ މެޗުންވެސް ފެނިގެންދިޔައީ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ކަމަށެވެ. އަދި މައްސަލައަކީ ލަނޑު ނުޖެހުމުގެ މައްސަލަ ކަމަށާޢި އެކަން ރަނގަޅުކުރަން ޓީމުން ބަންގްލަދޭޝް މެޗުގައި މަސައްކަތްކުރާނެ ކަމަށެވެ.

ސުޒެއިން ވަނީ ބަންގްލަދޭޝް އިން މި މުބާރާތުގައި މިހާތަނަށް ނެރުނު ނަތީޖާތަކާއި އެ ޓީމުގެ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ހާއްސަކޮށް މިހާރުގެ ބަންގްލަދޭޝް ޓީމަކީ މީގެކުރިން ރާއްޖެ ބައްދަލުކުރި ބަންގްލަދޭޝް ޓީމާއި އަޅާބަލާއިރު ވަރުގަދަ ޓީމެއް ކަމަށާއި ކޯޗު އޮސްކާ ބްރުޒޮން އާއެކު ބަންގްލަދޭޝް ފެންނަނީ ތަފާތުކޮށް ކަމަށް ސުޒެއިން ބުންޏެެވެ.

ރާއްޖެއާއި ބަންގްލަދޭޝް އަކީ މި ސަރަހައްދުގައި ވާދަވެރި ދެ ގައުމެވެ. 2003 ގެ ފަހުން ބަންގްލަދޭޝް އަށް މިހާތަނަށް ރާއްޖޭގެ މައްޗަށް ކުރި ހޯދިފައެއް ނުވެއެވެ.