އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ބަންގްލަދޭޝް މިރޭ ބައްދަލުކުރާ މެޗު ފެށުމުގެ ގަޑިއިރެއް ކުރިން ދިވެހި ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެ ޓީމަށް ތަރުހީބުދިނުމުގެ ގޮތުން ފޯރިނަގަން ފަށައިފިއެވެ.

މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ. ދަނޑަށް ސަޕޯޓަރުން ވަންނަން ފަށާފައިވަނީ މިރޭ 19:30 އިން ފަށައިގެންނެވެ. ދަނޑަށް ވަންނަން ހުއްދަދިންތާ 30 ވަރަކަށް މިނެޓުގެ ތެރޭގައި ދަނޑުގެ ބޮޑުބައި ދިވެހި ސަޕޯޓަރުން ވަނީ ފުރާލާފަައެވެ.

ބެރު ދުންމާރީގެ އަޑުތަކާއި ތަރުހީބުދިނުމުގެ ތަފާތު ކަންކަންކުރަން ދިވެހި ސަޕޯޓަރުން ވަނީ ތައްޔާރުވެފައެވެ. ރާއްޖޭގެ ހުރިހާ ސަޕޯޓަރުންވެސް މި މެޗުގައި ތިބީ ރަތް ޖާރޒީގައެވެ.

މީގެއިތުރުން ބަންގްލަދޭޝްގެ 200 ވަރަކަށް ސަޕޯޓަރުންވެސް ވަނީ މެޗުގެ ކުރިން ދަނޑަށް ވަދެފައެވެ. މި ސަޕޯޓަރުން ތިބީ ދަނޑުގެ އޮލިމްޕަހާއި ވީ ފަޅީގެ އެންމެ ހުޅަނގަށް ވާ ސިޑިބަރީގައެވެ. އެ ހިސާބުން އެހެން ހިސާބަކަށް ބަންގްލަަދޭޝް ސަޕޯޓަރުންނަކަށް ނުދެވޭނެއެވެ.

ރާއްޖެ މެޗުގެ ކުރިން ދަނޑަށް ވަދެތިބި ބަންގްލަދޭޝް ސަޕޯޓަރުން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މި މެޗަށް ދަނޑަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިން ގޭޓުންނެވެ. މީގެތެރެއިން އެއް ގޭޓަކީ ބަންގްލަަދޭޝް ސަޕޯޓަރުންނަށް ހާއްސަ ގޭޓެކެވެ. އަނެއް ދެ ގޭޓުން އެއްވެސް ބަންގްލަދޭޝް ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވޭނެ އެވެ.

"ވަގުތު" ނޫސްވެރިންނަށް ވަނީ ދިވެހި ސަޕޯޓާރުން ދަނޑަށް ވަންނަން ހާއްސަކޮށްފައިވާ ގޭޓުތަކުން ޓިކެޓު ދައްކާފައި ވަންނަން މަސައްކަތްކުރި ބިދޭސީން ހުއްޓުވިތަން ފެނިފައެވެ. ގިނަ އަދަދެއްގެ ބިދޭސީން ވަނީ މި ގޭޓުތަކުން ދަނޑަށް އެތެރެވާން މަސައްކަތްކޮށްފައެވެ. ދަނޑަށް ވަންނަ ޓިކެޓުގައި އެ މީހަކަށް ވަދެވޭ ޒޯންތައް ލިޔެފައިވާއިރު އެ ނޫން ޒޯނެއްގައި އެއްވެސް މީހަކަށް ނުހުރެވޭނެއެވެ.

މުބާރާތުގެ ފައިނަލަށް ދާން މި މެޗަކީ ދިވެހިންނަށް މުހިއްމު މެޗެކެވެ. ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވުމުން ދިވެހި ޓީމު މި މެޗުގައި ކޮންމެހެން މޮޅެއް ހޯދަންޖެހެއެވެ. ބަލިވެއްޖެ ނަމަ އިތުރު އުނދަގޫތަކާއި ދިވެހި ޓީމު ކުރިމަތިލާން ޖެހޭނެއެވެ.