ޔޫރަޕުގެ ފުޓުބޯޅައިގައި މިހާރު އެންމެ މަގުބޫލުކަމެއް ހޯދަމުން އަންނަ ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ސްޕެއިން އާއި އެންމެފަހުގެ ދުނިޔޭގެެ ޗެމްޕިއަން ފްރާންސް ބައްދަލުކުރަން ޖެހިއްޖެ އެވެ.

މުބާރާތުގެ ފައިނަލަށް ސްޕެއިން ދަތުރުކޮށްފައިވަނީ ސެމީފައިނަލުގައި ވަރުގަދަ އިޓަލީގެ މޮޅުވުމުގެ ރެކޯޑަށް ނިމުން ގެނެސް 2-1 ގެ ނަތީޖާއަކުންނެވެ. އަދި ފްރާންސް ފައިނަލަށް ދިޔައީ ބެލްޖިއަމް އަތުން ފަހަތުން އަރާ 3-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ސްޕެއިން އާއި ފްރާންސް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގައެވެ. މީގެއިތުރުން މުބާރާތުގެ ތިންވަނަ ހޮވާ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހަމަ އެ ދުވަހުގައެވެ. ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ސެމީގައި ބަލިވި ދެ ޓީމު ކަމަށްވާ އިޓަލީ އާއި ބެލްޖިއަމް އެވެ.

އެންމެފަހުގެ ޔޫރޯ ޗެމްޕިއަންކަން ވެސް ހޯދި އިޓަލީ އަތްދަށުކޮށް މުބާރާތުގެ ފައިނަލަށް ސްޕެއިން ދިޔައިރު އިޓަލީ ވަނީ 37 މެޗު ބަލިނުވެ ދުނިޔޭގެ ރެކޯޑެއް މުގުރާލާފައެވެ. ރޮބާޓޯ މަންޗީނީގެ އިރުޝާދުގެ ދަށުން އިޓަލީގެ މި 37 މެޗުން ބަލިނުވުމުގެ ރެކޯޑުގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ 28 މެޗުންނެވެ. އަދި އެއްވަރުވީ ނުވަ މެޗުންނެވެ. އެންމެފަހުން އިޓަލީ ބަލިވީ ޕޯޗުގަލް އަތުން 2018 ގައެވެ.

ސްޕެއިން އާއި އިޓަލީ ކުޅުނު މި މެޗުގެ 17 ވަނަ މިނެޓުގައި ސްޕެއިންގެ ފެރާން ޓޮރޭޒް ވަނީ ސްޕެއިންއަށް ލީޑު ނަގާފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް އިޓަލީގެ ކެޕްޓަނަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑެެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެއާއެކު އެ ޓީމަށް މައްސަލަ ކުރިމަތިވިއެވެ.

އެއް ކުޅުންތެރިއަކު މަދުން ކުޅެމުން ދަނިކޮށް މި ހާފު ނިމުމުގެ ކުރިން ސްޕެއިންއަށް ފުރަތަމަ ލަނޑު ޖަހައިދިން ފެރާން ޓޮރޭޒް ވަނީ ލީޑު ފުޅާކޮށްދީފައެވެ. އިޓަލީން ސުން ކަނޑުވާލީ 83 ވަނަ މިނެޓުގައެވެ. ފެޑެރީކޯ ކިއެސާ ތަނަވަސްކުރި ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ލޮރެންޒޯ ޕެލެގްރީނީ އެވެ.

މުބާރާތުގެ ފައިނަލަށް ފްރާންސް ދަތުރުކުރި މި މެޗުގައި ބެލްޖިއަމް ވަނީ ދެ ގޯލުގެ ލީޑެއް ނަގާފއެވެ. މެޗުގެ 37 ވަނަ މިނެޓުގައި ޔަނިކް ކަރަސްކޯ ފުރަތަމަ ލަނޑު ޖެހިއިރު ދެވަނަ ލަނޑު އޭގެ މާގިނައިރުތަކެއް ނުވަނީސް ޖެހީ ލުކާކޫ އެވެ. ފްރާންސް އިން ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު ބެންޒެމާ ޖެހިއިރު ދެވަނަ ލަނޑު ޕެނަލްޓީއަކުން އެއްވަރުކޮށްދިނީ އެމްބާޕޭ އެވެ. މެޗުން ފްރާންސް މޮޅުވީ 90 ވަނަ މިނެޓުގައި ތިއޯ ހެނާންޑޭޒް ޖެހި ލަނޑުންނެވެ.