ޔުއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލް އިން ފަހު ވަގުތު ސްޕެއިންއާ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފިއެވެ.

ސްޕެއިން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ދިޔައީ ކުރިޔަށް ޖެހި، ޕޯޗުގަލްގެ ހާފަށް ބާރުބޮޑުކޮށް، ހަމަލާ އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

މެޗުގައި ސްޕެއިން އިން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ހޯދިއިރު، އެޓީމުގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު 25 ވަނަ މިނެޓުގައި ސަރްބިއާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އަލްވަރާ މޮރާޓާއެވެ.

މި ލަނޑަށްފަހުވެސް ސްޕެއިންއަށް ވަނީ ލީޑު ފުޅާ ކުރަން ގިނަ ފުރުސަތުތައް ލިބިފައެވެ. ނަމަވެސް އެޓީމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ނުހިފޭއިރު، ޕޯޗުގަލްގެ ޑިފެންސްވެސް ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށެވެ.

މުޅި މެޗުގައިވެސް ސްޕެއިން އިން ޕޯޗުގަލް ހިފެހެއްޓުމަށް ބުރަ މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ޕޯޗުގަލް އިން ވަނީ 82 ވަނަ މިނެޓުގައި ސްޕެއިންގެ ގޯލު ފޫއަޅުވާލާފައެވެ. މި ލަނޑު 82 ވަނަ މިނެޓުގައި ކަންސެލޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި ހޯޓާއެވެ.

ސްޕެއިން އަދި ޕޯޗުގަލް ހިމެނޭ ނޭޝަންސް ލީގުގެ އޭގެ ގްރޫޕް 2 ގައި ދެން ހިމެނެނީ ޗެކް ރިޕަބްލިކް އަދި ސްވިޒަލޭންޑެވެ. މި ދެ ޓީމު މިރޭ ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ ޗެކް ރިޕަބްލިކްއެވެ.

މި ނަތީޖާއާއެކު ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ޗެކް ރިޕަބްލިކް އޮތްއިރު، ސްޕެއިން އަދި ޕޯޗުގަލްއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އަދި ގްރޫޕްގެ ފުލުގައި ސްވިޒަލޭންޑް އޮތީ ޕޮއިންޓެއް ނުލިބިއެވެ.

މި ގްރޫޕްގައި އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަހު ދެ މެޗެއް ކުޅޭނެއެވެ. އެއީ ޗެކް ރިޕަބްލިކް އަދި ސްޕެއިންގެ އިތުރުން ޕޯޗުގަލް އަދި ސްވިޒަލޭންޑްއެވެ.