އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރާއްޖެއަތުން ބަލިވި ނަމަވެސް، ކުޅުނު މެޗަކީ އެއީ އަސަރުން ފުރިގެންވާ "އިމޯޝަނަލް" މެޗެއް ކަމަށް ސްރީލަންކާގެ ކޯޗު ކޯޗު އާމިރް އަލަޖިކް ބުނެފިއެވެ.

މި މޮޅާއެކު ރާއްޖެ ވަނީ މުބާރާތުގެ ފައިނަލަށް ދިއުމަށް ފިޔަވަޅަކާއި ގާތަށް ޖެހިލާފައެވެ. ރާއްޖެ އޮތީ ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކު އެވެ. ލަންކާއަށް ވަނީ މި މުބާރާތް ނިމިފައެވެ. އެއީ ކުޅުނު ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއެކު އެވެ. އެ ޓީމަށް އެއް ޕޮއިންޓް ލިބުނީ އިންޑިއާ އާއި އެއްވަރުކޮށްގެންނެވެ.

މިއަދުގެ މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން އާމިރް ބުނީ، މެޗުގައި ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި އެހެން ނަމަވެސް އޭނާގެ ޓީމުގެ ފަރާތުން އުއްމީދީ ކުޅުމެއް ކުޅެފައިވަނީ ފަހު ހާފުގެ ފަހު 20 މިނެޓުގައި ކަމަށެވެ.

"ލަންކާއިން ޖުމްލަކޮށް ކުޅުނު ކުޅުމާއި މެދު ވަރަށް ހިތްހަމަ ޖެހޭ. މިއީ މުސްތަގުބަލަށް އެޅޭ ބިންގާއެއް" އާމިރް ބުންޏެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރި މެޗުގައި ލަންކާގެ ފުރަތަމަ އެގާރަ-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އާމިރް ބުނީ، މިމެޗުން ބަލިވި ނަމަވެސް، މިއީ އަސަރުން ފުރިގެންވާ "އިމޯޝަނަލް" މެޗެއް ކަމަށެވެ.

އޭނާ އެހެން ބުނެފައިވަނީ ފުޓްބޯޅައިގެ ތާރީހަށް ބަލާއިރު، އެގައުމަކީ އެއީ ރާއްޖޭގެ އެދުރެކެވެ. އެހެން ނަމަވެސް މިހާރު ފެނިގެން ދަނީ އެދުރަށްވުރެ ރާއްޖެ ވަރުގަދަވެ ކުރިއަރަމުން އަންނަ މަންޒަރެވެ.

ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ލަންކާއަށް މިހާތަނަށް ރާއްޖޭގެ މައްޗަށް ކުރިހޯދިފައެއް ނުވެއެވެ. ރާއްޖެއާއި ލަންކާ މިހާތަނަށް ހަތް ފަހަރެއްގެ މަތިން ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރިއިރު މިހާތަނަށް ރާއްޖެއަށް މޮޅުވެވުނީ ފަސް ފަހަރެވެ. އަނެއް ދެ ފަހަރު މެޗު ނިމުނީ ނަތީޖާ އެއްވަރުވެގެންނެވެ.

މިއަދުގެ މެޗު 1-0 ގެ ނަތީޖާއަކުން ލަންކާ ބަލިކޮށް ރާއްޖެ ފައިނަލާއި ގާތަށް ދަތުރު ކޮށްފައިވާއިރު، މި މެޗުގައި ރާއްޖެއަށް ގޯލު ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ ހަވަނަ މިނެޓުގައި އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މިއީ މި މުބާރާތުގައި ދަގަނޑޭ ކާމިޔާބުކުރި ދެވަނަ ލަނޑެވެ.