ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓި ނަމަވެސް އެޓީމުގެ ކޯޗުކަމުގެ މަގާމުގައި މަޑުކުރަން ޔޮކީމް ލޯވް ނިންމައިފިއެވެ.

ޖަރުމަނު މިފަހަރު ގްރޫޕް ސްޓޭޖުން ކެޓިއިރު އެ ގްރޫޕްގައި ހިމެނުނީ މެކްސިކޯ އާއި ސްވިޑެންގެ އިތުރުން ދެކުނު ކޮރެޔާއެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެެއިން ޖަރުމަނަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އަނެއް ދެ މެޗުން އެޓީމު ވަނީ ބަލިވެފައެވެ.

މިއީ 1938 ވަނަ އަހަރަށްފަހު މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ވޯލްޑް ކަޕްގެ ކުރިން ޖަރުމަނު ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް ލޯވް އާކޮށްފައިވީ ނަމަވެސް މުބާރާތުން ކެޓުމާ ގުޅިގެން އޭނާގެ ކުރިމަގާ މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިގެން ގޮސްފައެވެ. ނަމަވެސް ޖަރުމަނުގެ ފުޓްބޯޅަ އިދާރާ އިން ވަނީ އެޓީމުގެ ކޯޗުކަމުގެ މަގާމުގައި ލޯވް މަޑުކުރާނެ ކަމަށް ބުނެފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ލޯވް ބުނީ މުބާރާތުން ކެޓުމާ ގުޅިގެން ކިޔަމުންދިޔަ ފާޑުކިޔުންތަކާ އެކު ވެސް ޖަރުމަނުގެ ފުޓްބޯޅަ އިދާރާ އިން އޭނާ އަށް ކުރި އިތުބާރަށް ޝުކުރު އަދާކުރާ ކަމަށާއި އޭނާ މިހާރު ބޭނުންވަނީ ޖަރުމަނުގެ ޓީމު އަލުން ބިނާކުރުމުގެ މަސައްކަތް ކުރަން ކަމަށެވެ.

"އެކަން ކުރުމަށް ނަގާނެ ވަގުތު. އެކަމަކު ސެޕްޓެމްބަރު މަހު އިންޓަނޭޝަނަލް މެޗުތައް ކުޅެން ވާއިރަށް ހުރިހާ ކަމެއް ހުންނާނީ ހަމަޖެހިފަ" ލޯވް ބުންޏެވެ.

2006 ވަނަ އަހަރު ޖަރުމަނުގެ ކޯޗުކަމާ ލޯވް ހަވާލުވިއިރު، އޭނާގެ އިރުޝާދުގެ ދަށުން ކުޅެ އެޓީމުން ވަނީ 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން 2008 ވަނަ އަހަރުގެ ޔޫރޯގެ ރަނަރަޕްކަން ޖަރުމަނު ހޯދިއިރު، 2012 އަދި 2016 ވަނަ އަހަރުގެ ޔޫރޯގެ ސެމީފައިނަލަށް ވެސް އެޓީމު ދަތުރުކޮށްފައިވެއެވެ.

ޖަރުމަނުގެ ކޮންޓްރެކްޓް ލޯވް އާކޮށްފައިވަނީ 2022 ވަނަ އަހަރާއި ހަމައަށް އެޓީމުގައި ހުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގާރލް 7، ޖާރމަން ޓްރޫ ފޭން...

    2010 ގެ ވޯލްޑްކަޕްގައި 3 ވަނަވެސް ލިބިފައިވޭ... ޙަބަރުގައި މިބައި ނުހިމަނާ އޮތުމުން ހަމަ ބުނެލީ...