ބެޓުކުރުމާއި ފީލްޑްކުރުމުގައި އިންޑިއާގެ ކްރިކެޓް ކުޅުންތެރިންގެ ފަރާތުން މޮޅުވުމުގެ ހިތްވަރެއް ނުފެންނަކަމަށް އިންޑިއާގެ ކެޕްޓަން ވިރާތް ކޯލީ ބުނެފިއެވެ.

އިންޑިއާ ކެޕްޓަން މިހެން ބުނެފައިވަނީ މިހާރު ކުރިޔަށްދާ ޓީ20 ކްރިކެޓް ވޯލްޑްކަޕުގައި ނިއުޒީލޭންޑް އަތުން ބަލިވި މެޗަށްފަހު ވާހަކަދައްކަމުންނެވެ. މިއީ މި މުބާރާތުގައި އިންޑިއާގެ ދެވަނަ ބައްޔެވެ. ފުރަތަމަ މެޗުގައި ބަލިވީ ޕާކިސްތާން އަތުންނެވެ.

މި ބައްޔާއެކު މުބާރާތުގައި އިތުރަށް ކުރިޔަށްދާން އިންޑިއާއަށް އިތުރު ގޮންޖެހުންތަކާއި ވަނީ ކުރިމަތިވެފައެވެ. ބާކީ އެ ޓީމު ކުޅެން އޮތް ތިން މެޗުން ކޮންމެހެންވެސް އެ ޓީމު މޮޅުވާންޖެހޭ އެވެ.

ދުބާއީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ނިއުޒިލޭންޑް އަތުން އިންޑިއާ ބަލިވީ އަށް ވިކެޓުންނެވެ. އިންޑިއާއަށް މި މުބާރާތުގައި ކުރިމަތިވަނީ ބޯޅަ އުކުމުގެ މައްސަލައެވެ. އެ ޓީމުގެ ކޯޗު ބުނާގޮތުގައި އެ މައްސަލަ ހައްލުކުރަން ގިނަ މަސައްކަތަކެއް ކުރިޔަށްހުރި މެޗުތަކުގައި ކުރާނެއެވެ.

ނިއުޒިލޭންޑް އަތުން ބަލިވި މެޗުގައި އިންޑިއާއިން ބެޓުކުރަން އަރާ 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 110 ލަނޑު ހެދިއެވެ. ޖަވާބުގައި ނިއުޒީލެންޑް ކުޅެންއަރާ 14.3 އޯވަރުގެ ތެރޭގައި އެ ޓީމުން ވަނީ ދެ ކުޅުންތެރިން ނުބަައިވެގެން 111 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައެވެ.

މެޗަށްފަހު އިންޑިއާގެ ކެޕްޓަން ވިރާތް ކޯލީ ބުނީ މިއީ އާދަޔާހިލާފު ނަތީޖާތަކެއް ކަމަށާއި އަދި މިއީ އެއްގޮތަކަށް ވެސް ކެޕްޓަނެއްގެ ހައިސިއްޔަތުން ބަލައިގަންނަން ފަސޭހަ ނަތީޖާތަކެއް ނޫންކަމަށެވެ. އަދި މިއަށްވުރެ ރަނގަޅަށް އިންޑިއާއަށް ކުޅެވެން ޖެހޭނެކަމަށް ގަބޫލުކުރާ ކަމަށާއި ފެނިގެންދިޔައީ ބޯލް ކުރުމާއި ބެޓުކުރުމުގައި އިންޑިއާާގެ ކުޅުންތެރިންގެ ކިބައިގައި ހިތްވަރު ނެތްތަން ކަމަށެވެ.

މި ނަތީޖާއާއި އެކު އިންޑިއާ ހިމެނޭ ގްރޫޕް ދޭއްގެ އެއްވަނައިގައި އޮތީ ޕާކިސްތަނެވެ. އެއީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ޖުމްލަ ހަ ޕޮއިންޓް އެއްކޮށްގެންނެވެ. ދެވަނައިގައި އަފްގާނިސްތާން އޮތީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. އިންޑިއާ ހިމެނެނީ ހަ ޓީމު ހިމެނޭ ގްރޫޕުގެ ފުލުން ދެވަނައިގައެވެ.