ޕްރޮފެޝަނަލް ފުޓުބޯޅަ ކެރިއަރުން ރިޓަޔާވުމަށްފަހު އެންމެ ބޭނުންވަނީ ބާސެލޯނާގެ ޓެކްނިކަލް ސެކްރެޓަރީގެ މަގާމު ކަމަށް އެ ޓީމުގެ ކުރީގެ ތަރި ލިއޮނަލް މެސީ ބުނެފިއެވެ.

އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ މިހެން ބުނެފައިވާ އިރު އޭނާ ވަނީ އެ ކުލަބުގައި 21 އަހަރު ވަންދެން ކުޅެފައެވެ. މެސީ އެ ކުލަބުގެ އެންމެ ކާމިޔާބު އެކަޑަމީ ކަމަށްވާ ލަމާސިއާގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ.

މެސީއާއެކު ބާސެލޯނާ ހަދާފައިވާ އެއްބަސްވުން އުވާލީ ލަލީގާގެ ގަވާއިދުތަކުގެ ތެރެއަށް މެސީ ނުފެތޭކަމަށް ބުނެ ކުލަބުގެ ދަރަނި ބޮޑުވުމުން މެސީއަށް އެ ކުލަބުގައި ނުހުރެވޭތީއެވެ. އެއީ މެސީގެ އާމްދަނީއާއި ކުލަބުގެ ޖުމްލަ އާމްދަނީއާއި ނުބައްދަލުވާތީއެވެ.

ކުޅިވަރު ނޫހަކަށް މެސީ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ މިހާރު ޕީއެސްޖީއަށް ކުޅުނު ނަމަވެސް ކެރިއަރުގެ ކޮންމެވެސް ހިސާބެއްގައި އަދިވެސް ބާސެލޯނާއަށް ހިދުމަތްކޮށްދޭން ބޭނުންވާ ކަމަށެވެ. އަދި ބޭނުންވަނީ ކުލަބުގެ ޓެކްނިކަލް ސެކްރެޓަރީ ފަދަ މަގާމެއް ކަމަށްވެސް މެސީ ބުންޏެވެ.

"އަހަރެން ރިޓަޔާވެގެން އެންމެ ވާން ބޭނުމީ ޓެކްނިކަލް ސެކްރެޓަރީއަކަށް، ބާސެލޯނާގައި އެކަން ނުވެއްޖެ ނަމަ އެހެން ކުލަބަކާއި އެކުވެސް އެކަން ކުރަން މިހުރީ ތައްޔާރަށް، ބާސާއިން އެގޮތަށް ބޭނުންނަމަ އަހަރެން މިހުރީ އަދިވެސް ކުލަބަށް ހިދުމަތްކޮށްދޭން" މެސީ ބުންޏެވެ.

ފްރާންސްގެ ޕީއެސްޖީއާއެކު މެސީ މިދިޔަ އޯގަސްޓް މަހުން ފެށިގެން ހަދާފައިވަނީ ދެ އަހަރުދުވަހުގެ އެއްބަސްވުމެކެވެ. އަދި މެސީ ބޭނުންނަމަ އިތުރު އަހަރަކަށް އެއްބަސްވުން ދިގުދަންމާލުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ.

ޕީއެސްޖީއަކީ މެސީގެ އެންމެ ފަހު ކުލަބުކަމަށް އަދި ހާމަކޮށްފައި ނުވި ނަމަވެސް މީގެކުރިން ދިން އިންޓަވިއުތަކުގައި މެސީ ވަނީ އޭނާގެ އެންމެ ފުރަތަމަ ކުލަބު ކަމަށްވާ ނެވެލް އޯލްޑް ބޯއިސްއަށް ކެރިއަރުގެ ފަހު ދުވަސްތަކުގައި ކުޅުމަކީ ދެކޭ ބޮޑު ހުވަފެނެއް ކަމަށް ބުނެފަައެވެ.