ބްރެޒިލްގެ ޒުވާން މިޑްފީލްޑަރ ޕައުލީނިއޯއަށް ވަރުގަދަ ހުށައެޅުމެއް ޗައިނާގެ ކުލަބަކުން ދީފި ކަމަށް ރިޕޯޓްތަށް ބުނަން ފަށައިފިއެވެ.

ސްޕެއިންގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕައުލީނިއޯ ޗައިނާ ލީގަށް ގެންދަން އުޅެނީ 50 މިލިއަން ޔޫރޯއަށެވެ. މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ސްޕެއިންގެ އެންމެ ބޮޑު އެއް ކުލަބުކަމަށްވާ ބާސެލޯނާއަށް 40 މިލިއަން ޔޫރޯއަށް ބަދަލުވި ޕައުލީނިއޯއަކީ ހުނަރުގެ ގޮތުން މޮޅު ކުޅުންތެރިއެކެވެ.

މީގެ ކުރިންވެސް ޗައިނާ ލީގަށް ކުޅެދީފައިވާ ޕައުލީނިއޯއަކީ މިހާރު ރަޝިއާގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕްގައި ބްރެޒިލްއާއި އެކު ތަފާތު މޮޅު ކުޅުމެއް ކުޅެމުން އަންނަ ކުޅުންތެރިއެވެ. ބާސެލޯނާއާއި އެކު ނިމިގެންދިޔަ ސީޒަންގެ ކޮޕަޑެލް ރޭ އަދި ލަލީގާ ކާމިޔާބުކޮށްފައިވާ ޕައުލީނިއޯ ހޯދުމަށް ޗައިނާއިން 50 މިލިއަން ޔޫރޯގެ ހުށައެޅުމެއް ބާސެލޯނާއަށް ހުށައަޅާފައިވާއިރު ޕައުލީނިއޯ ގެންދަން މަސައްކަތް ކުރަނީ ސީދާ ކޮން ކުލަބުން ކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

އުމުރުން 29 އަހަރުގެ ޕައުލީނިއޯ ހޯދަން މީގެ ކުރިން ޓޮޓެމްހަމް އަށްވެސް ކުޅެދީފައިވާ ކުޅުންތެރިއެކެވެ.

ކުލަބު ލެވެލްގައި 516 މެޗު ކުޅެދީ 108 ގޯލު ކާމިޔާބުކޮށްދީފައިވާ ޕައުލީނިއޯ ވަނީ ބްރެޒިލްއަށް ކުޅެދިން 57 މެޗުގައި 13 ގޯލު ކާމިޔާބުކޮށްފައެވެ.

ޗައިނާ ލީގުން ޔޫރަޕްގެ ފުޓްބޯޅައަށް އަތްގަދަ ކުރަމުންދާއިރު ޔޫރަޕްގެ ބޮޑެތި ކުލަބުތަކަށް ކުޅެދިން ބައެއް މަޝްހޫރު ކުޅުންޔެރިން މިހާރު ވަނީ ޗައިނާ ލީގަށް ބަދަލުވެފައެވެ. އެގޮތުން ބާސެލޯނާ ދޫކޮށްލުމަށް ފަހު ޗައިނާ ލީގަށް ބަދަލުވި އާޖެންޓީނާގެ މިޑްފީލްޑަރ ޖެވިއާ މަސެރާނޯ އާއި ބްރެޒިލްގެ ތަރި ހަލްކް އަދި އާޖެންޓީނާގެ ކުރީގެ ފޯވާޑް ކާލޯސް ޓެވޭޒް ފަދަ ކުޅުންތެރިން ހިމެނެއެވެ