އަލީ އަޝްފާގު (ދަގަނޑޭ) ހުއްޓުވަން ހަދަން ޖެހޭ ވަކި ގޮތެއް ކިޔައިދޭން އޭނާ އަށް ވަގުތު ބޭކާރު ކުރެވެން ނެތް ކަމަށާއި އެކަން ކުރާނަމަ ގިނަ ވަގުތު ނަގާނެކަމަށް ލަންކާގެ ކޯޗު އާމިރު އަލަގިޗް ބުނެފިއެވެ.

ހަތަރު ގައުމު ވާދަކުރާ މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގައި ދިވެހިރާއްޖެއާއި ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލަންކާގެ ގިނަ ނޫސްވެރިންވެސް ސުވާލު އަމާޒުކުރީ ދަގަނޑޭ އާއި ގުޅޭގޮތުންނެވެ.

އެގޮތުން ލަންކާއިން ދަގަނޑޭ ފަދަ ތަޖުރިބާކާރު މޮޅު ކުޅުންތެރިއެއް ހުއްޓުވުމަށް ކުރާނީ ކޮންކަމެއްތޯ އެހުމުން ކޯޗު ވަނީ ކުރު ޖަވާބަކުން އެ ވާހަކަ ނިންމާލާފަައެވެ.

ރާއްޖެއިން ލަންކާ ބަލިކުރި މެޗަށްފަހު ލަންކާ ކޯޗު ދިވެހި ކުޅުންތެރިންނާއި ސަލާމްކުރަނީ-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

"ދަގަނޑޭމެން ފެންވަރުގެ ކުޅުންތެރިއެއް ލަންކާއިން ހުއްޓުވަން މަސައްކަތްކުރަން ޖެހޭނީ ޓީމެއްގެ ގޮތުގައި ތަފާތު ދައްކައިގެން" ލަންކާ ކޯޗު ބުންޏެވެ.

މިހާތަނަށް ލަންކާއާއި ރާއްޖެ އެންމެ ފަހުން ކުޅުނު ގިނަ ފަހަރުތަކުގައި ދަގަނޑޭ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މީގެތެރެއިން 2013 ގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއިން 10-0 އިން ލަންކާ ބަލިކުރި މެޗުގައި ދަގަނޑޭ ވަނީ ދެ ހެޓްރިކް ހަދާ ހަ ލަނޑު އެއް މެޗެއްގައި ޖަހާފަައެވެ. މިއީ ރާއްޖޭގެ ފުޓުބޯޅައިގެ ރެކޯޑެކެވެ.

މީގެއިތުރުން ރާއްޖޭގައި ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕުގައި ލަންކާ އަތުން ރާއްޖެ މޮޅުކޮށްދިން ހަމައެކަނި ލަނޑުވެސް ކާމިިޔާބުކޮށްދިން ކުޅުންތެރިއަކީ ދަގަނޑޭ އެވެ.

މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން މިއަދު 15:30 ގައެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އެވެ. މި މެޗު އެންމެ ފުރަތަމަ ކުޅެން އޮތީ ރޭގައެވެ. ނަމަވެސް މޫސުން ގޯސްވުމުން މެޗު ވަނީ މިއަދަށް ފަސްކޮށްފައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ލިބިގެންދެއެވެ. ލަންކާއާއި ރާއްޖޭގެ އިތުރުން މި މުބާރާތުގައި ދެން ވާދަކުރަނީ ސީޝެލްސް އާއި ބަންގްލަދޭޝް އެވެ.