އެސްޓަންވިލާގެ އާ ކޯޗުކަމުގެ މަގާމަް ކުރިން ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑް އަންނަން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެންމެފަހުން އޭނާ ހުރީ ރޭންޖާސްގެ ކޯޗުކަމުގައެވެ. ޖެރާޑް ފުޓުބޯޅަ ކުޅުމުން ރިޓަޔާވެފައިވަނީ 2016 ވަނަ އަަހަރުގައެވެ. އޭނާ ވަނީ ފުޓުބޯޅައިގައި ކާމިޔާބު 19 އަހަރު ހޭދަކޮށްފައެވެ.

ޕްރޮފެޝަނަލް ފުޓުބޯޅަ ކެރިއަރަކަށް ފަހު ޖެރާޑް ދެން ހަވާލުވީ ސްކޮޓްލޭންޑުގެ ރޭންޖާސް ޓީމުގެ ކޯޗުކަމާއެވެ. އެ މަގާމާއި އޭނާ ހަވާލުވީ 2018 ވަނަ އަހަރުގައެވެ. އެ ކުލަބާއެކު އޭނާ ވަނީ މިދިޔަ ސީޒަނުގައި ސްކޮޓްލޭންޑް ލީގު ޗެމްޕިއަންކަން ވެސް ހޯދާފައެވެ. ރޭންޖާސް އިން ލީގު އުފުލާލީ އެއްވެސް މެޗަކުން ބަލިނުވެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޖެރާޑް ވަނީ އެސްޓަންވިލާގެ ކޯޗުކަމާއި ހަވާލުވާން އެއްބަސްވެފައެވެ. އަދި މިހާރު ކުރިޔަށްދަނީ ކޯޗުކަމާއި ހަވާލުވުމުގެ ކުރިން ނިންމަންޖެހޭ ބައެއް ކަންކަން ކަމަށް ބުނެއެވެ.

ބެލެވޭގޮތުގައި އުމުރުން 41 އަހަރުގެ ޖެރާޑް އެސްޓަންވިލާގެ ކޯޗުކަމާއި ހަވާލުވިކަން ފެށޭ ހަފުތާގެ ތެރޭގައި އިއުލާނުކުރާނެ އެވެ. ރިޕޯޓުތައް ބުނާގޮތުން ޖެރާޑް ސޮއިކުރާނީ ދެ އަހަރުދުވަހުގެ އެއްބަސްވުމެކެވެ.

ރޭންޖާސް ޓީމުންވެސް ވަނީ ނުސީދާކޮށް ޖެރާޑް އެ ކުލަބު ދޫކޮށްލަން އުޅޭކަން ހާމަކޮށްފައެވެ. ނަމަވެސް އެއްވެސް ތަފްސީލެއް އެ ކުލަބުން އަަދި ހާމައެއްނުކުރެއެވެ.