ސައުދީގެ މަހުޖަނުންގެ އަތްދަށުގައި އޮތް ނިއުކާސަލް ޔުނައިޓެޑުން އަންނަ ސީޒަނުގައި ބޮޑުއަގުގައި ގެންނަން މަސައްކަތްކުރާ ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާގެ އެއްވަނަ ކީޕަރު ޖަރުމަނުގެ ޓާ ސްޓެގަން ހިމެނޭކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ނިއުކާސަލް އިން މިހާރު ތައްޔާރުވަނީ އަންނަ ސީޒަނަށް އެ ކުލަބުން ކުރަން ތައްޔާރުވާ ބޮޑު އިންވެސްޓްމަންޓުގެ ތެރެއިން 47 މިލިއަން ޔޫރޯ ޓާ ސްޓެގަންއަށް ހުށައަޅަން ތައްޔާރުވަމުންނެވެ.

ނިއުކާސަލް އިން ޓާ ސްޓެގަން އަށް ޝައުގުވެރިވާއިރު ދާދިފަހުން މީޑިއާތަކުގައި ވާހަކަދައްކަމުން ޓާ ސްޓެގަން ވަނީ ބާސެލޯނާގައި އޭނާ ހުރީ އުފަލުން ކަމަށް ބުނެފައެވެ. އަދި ބޭނުންވަނީ ބާސެލޯނާގައި ރިޓަޔާވުމަށް ކަމަށްވެސް ބުނެފައިވެއެވެ.

ބެލެވޭގޮތުގައި އަންނަ ޖެނުއަރީ ޓްރާންސްފަރ ބާޒާރުގައި ނިއުކާސަލް އިން ޓާ ސްޓެގަން ގެނައުމަށް ބިޑުކުރާނެއެވެ. އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް އެ ކުލަބުން ވަމުން އަންނަކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މީގެއިތުރުން ނިއުކާސަލް އިން ލޯ އަޅަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާގެ ބްރެޒިލް ތަރި ފިލިޕް ކުޓީނިއޯ ހިމެނޭކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ލިވަޕޫލުން 2019 ވަނަ އަހަރު 145 މިލިއަން ޔޫރޯއަށް ބާސެލޯނާއަށް ބަދަލުވި ކުޅުންތެރިޔާ އަށް މިހާތަނަށް ބާސެލޯނާގައި މާ އެދެވޭ ކުޅުމެއް ނުދެއްކެއެވެ.

ނިއުކާސަލް އިން ވަރުގަދަ ކުޅުންތެރިން ހޯދުމަށް އަޒުމު ހިފާފައިވާއިރު ދާދިފަހުން އެ ޓީމުގެ ކޯޗަކަށް ބޯންމަތްގެ ކުރީގެ ކޯޗު އެޑީ ހޯ ވަނީ ހަމަޖައްސާފައެވެ.

ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނިއުކާސަލް ޔުނައިޓެޑް ގަންނަން ވަނީ ޖުމްލަ 408 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ.

ނިއުކާސަލްގެ މެޖޯރިޓީ ހިއްސާ އޮތް ޕީއައެފްގެ މިލްކިއްޔާތުގައި 434 ބިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ ދުނިޔޭގައި މިވަގުތު އޮތް އެންމެ މުއްސަނދި ކުލަބުތަކުގެ ޖުމްލަ އާމްދަނީ އަދި ކުލަބުގެ ވެރިންގެ މިލްކިއްޔާތަށްވުރެ އެތައް ގުނައެއް ބޮޑު އަދަދެކެވެ. އެއާއެކު ނިއުކާސަލް ވެފައިވަނީ މިވަގުތު ދުނިޔޭގެ އެންމެ މުއްސަނދި ކުލަބަށެވެ.