އިނގިރޭސި ކުލަބް އެސްޓަންވިލާގެ އާ ކޯޗަކަށް ކުރިން ސްކޮޓްލޭންޑުގެ ރޭންޖާސްގެ ކޯޗުކަމުގައި ހުރި އިނގިރޭސި ކުރީގެ ތަރި ސްޓީވަން ޖެރާޑް ހަމަޖައްސައިފި އެވެ.

ލިވަޕޫލްގެ ކެޕްޓަންކަން ވެސް ކުރި ޖެރާޑް ހަމަޖެއްސިކަން އެ ކުލަބުން ހާމަކޮށްފައިވަނީ އެ ކުލަބުގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައެވެ.

އެންމެފަހުން އޭނާ ހުރީ ރޭންޖާސްގެ ކޯޗުކަމުގައެވެ. ޖެރާޑް ފުޓުބޯޅަ ކުޅުމުން ރިޓަޔާވެފައިވަނީ 2016 ވަނަ އަަހަރުގައެވެ. އޭނާ ވަނީ ފުޓުބޯޅައިގައި ކާމިޔާބު 19 އަހަރު ހޭދަކޮށްފައެވެ.

ޕްރޮފެޝަނަލް ފުޓުބޯޅަ ކެރިއަރަކަށް ފަހު ޖެރާޑް ދެން ހަވާލުވީ ސްކޮޓްލޭންޑުގެ ރޭންޖާސް ޓީމުގެ ކޯޗުކަމާއެވެ. އެ މަގާމާއި އޭނާ ހަވާލުވީ 2018 ވަނަ އަހަރުގައެވެ. އެ ކުލަބާއެކު އޭނާ ވަނީ މިދިޔަ ސީޒަނުގައި ސްކޮޓްލޭންޑް ލީގު ޗެމްޕިއަންކަން ވެސް ހޯދާފައެވެ. ރޭންޖާސް އިން ލީގު އުފުލާލީ އެއްވެސް މެޗަކުން ބަލިނުވެއެވެ.

އެސްޓަންވިލާގެ ސީއީއޯ ކްރިސްޓިއަން ޕާސްލޯ ވިދާޅުވީ ސްޓީވަން ޖެރާޑް އަކީ ޒުވާން ކުޅުންތެރިން އުފެއްދުމުގައި ނަމޫނާ ކޯޗެއް ކަމަށާއި ލިވަޕޫލްގެ އެކަޑަމީގައި ޖެރާޑް މަސައްކަތްތަކެއް ކޮށްފައިވުމުން އެއީ ކުލަބުން ފާހަގަކުރާ ކަމެއް ކަމަށެވެ.

މަގާމާއި ހަވާލުވުމަށް ފަހު ޖެރާޑް ބުނީ އެސްޓަންވިލާ އަކީ މުއްސަނދި ތާރީހެއް އޮތް ކުލަބެއް ކަމަށާއި ކުލަބުގެ ކޯޗުކަމާއި ހަވާލުވުމަކީ ބޮޑު ފަހުރެއް ކަމަށެވެ. އަދި މަސައްކަތްކުރާނީ ކުލަބުގެ ލަނޑުތަނޑިތައް ހާސިލުކޮށްދިނުމަށް ކަމަށާއި އެ ކަންކަން ހާސިލުކުރުމަށް ކުޅުންތެރިންނާއެކު ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.