ލަންކާގައި އިއުލާނުކުރި ހަރުކަށި އުސޫލުތަކާއި ގުޅިގެން މާދަމާ ރާއްޖެ ކުޅޭ މެޗާއެކު ދަނޑަށް ކުޅިބަލަން ވަދެވޭނީ 25 އިންސައްތަ ސަޕޯޓަރުންނަށް ކަމަށް އެ ގައުމުން ނިންމައިފި އެވެ.

ސްރީލަންކާގައި މިހާރު ކުރިޔަށްދާ މަހިންދަ ރާޖަޕަކްސަ ޓްރޮފީގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ ލީގު ބުރުގެ ފަހު މެޗުތަކެވެ. މި މެޗުތަކުން މުބާރާތުގެ ފައިނަލަށް ދާނެ ޓީމުތައް ކަށަވަރުވާނެ އެވެ.

ލަންކާ ސަރުކާރުން ވަނީ މާދަމާއިން ފެށިގެން މިމަހުގެ 30 އާއި ހަމަޔަށް އެ ގައުމުގެ އުސޫލުތައް ހަރުކަށިކޮށްފައެވެ. އެގޮތުން އެއްވެސް ކުޅިވަރު ހަރަކާތްތައް ބޭއްވުމުގެ ހުއްދަ ލިބުނު ނަމަވެސް އެއްވެސް ކުޅިބެލުންތެރިއަކަށް ދަނޑަށް ނުވަދެވެއެވެ.

ނަމަވެސް މުބާރާތަށް ހާއްސަކޮށް އުސޫލުތަކެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން ދަނޑަށް ވަދެވޭނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ދަނޑަށް ވަދެވޭ ނިސްބަތުގެ 25 އިންސައްތަ ސަޕޯޓަރުންނެވެ.

މުބާރާތް ފެށުމުގެ ކުރިންވެސް ލަންކާ ސަރުކާރުން ވަނީ ހާއްސަ އުސޫލުތަކެއް އެކުލަވާލާފައެވެ. ނަމަވެސް މުބާރާތާއި ދިމާކޮށް ހާއްސަ އުސޫލުތަކެއް ފަހުން އެކުލަވާލިއެވެ. މި ނިންމުމާއި ގުޅިގެން މާދަމާ 15:30 ގައި ރާއްޖެއާއި ސީޝެލްސް ބައްދަލުކުރާ މެޗު ބަލަން ދަނޑަށް ވަދެވޭ ސަޕޯޓަރުންގެ ނިސްބަތް މަދުވާނެއެވެ.

މުބާރާތުގައި ދިވެހިންނަށް ވިއްކާ ޓިކެޓުގެ އަގުތައްވެސް ވަރަށް ބޮޑެވެ. އެންމެ ފުރަތަމަ ދިވެހިންނަށް ޓިކެޓު ވިއްކަން ނިންމީ 5000 ރުޕީސްއަށެވެ. ފަހުން ރާއްޖޭގެ ރައީސްގެ އެދުމުގެ މަތިން އެ އަދަދު 3000 ރުޕީސްއަށް ކުޑަކުރިއެވެ. ލަންކާ ރައްޔިތުންނަށް މެޗުތަކަށް ވަދެވެނީ 200 ރުޕީސްއަށެވެ. އެއާއެކު ގިނަބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވިއެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ލަންކާ އަތުން އެއްވަރުވިއިރު ދެވަނަ މެޗުން ބަންގްލަދޭޝް އަތުން ވަނީ ބަލިވެފައެވެ. އެހެންކަމުން މާދަމާ ރާއްޖެ ސީޝެލްސް ބަލިކުރުން މަޖުބޫރެވެ.