ފްރެންޗް ލީގުގައި ޕީއެސްޖީ އާއި ނީސް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވި އިރު މެޗުގެކުރިން މެސީގެ ބެލޮންޑޯ ސަޕޯޓަރުންގެ ކުރިމަތީގައި ދައްކާލައިފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު ފެށުމުގެ ކުރިން މެސީގެ ހަތްވަނަ ބެލޮންޑޯ ސަޕޯޓަރުންނަށް ދައްކާލިއިރު ންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނު އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާގެ ޔާޝީން ޓްރޮފީ ވެސް ދައްކާލިއެވެ.

މި އެވޯޑާއެކު މެސީއަކީ ތާރީހުގައި އެންމެ ގިނަ ބެލޮންޑޯ ހާސިލުކޮށްފައިވާ ކުޅުންތެރިޔާއެވެ. އެންމެ ފުރަތަމަ އޭނާ މި އެވޯޑު ހޯދާފައިވަނީ 2009 ގައެވެ.

މެސީގެ ބެލޮންޑޯ ދައްކާލަނީ

މި ނަތީޖާއާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނަައިގައި 12 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެއީ ކުޅުނު 16 މެޗުން ލިބުނު 41 ޕޮއިންޓާއެކު އެވެ. ޕީއެސްޖީއާއި އެންމެ ކައިރިން ތާވަލުގެ ދެވަނައިގައި އޮތް މާސޭއަށް 15 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. ނީސް އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އެއީ 16 މެޗުން 27 ޕޮއިންޓާއެކުއެވެ.

މި މެޗުގައި ޕީއެސްޖީގެ ގޯލު ބެލެހެއްޓީ ޑޮނަރުއްމާ އެވެ. އޭނާގެ ފަރާތުން މޮޅު ސޭވްތަކެއް މި މެޗުގައި ވަނީ ފެނިގެންގޮސްފައެވެ. މީގެއިތުރުން ޕީއެސްޖީގެ ކީލިއަން އެމްބާޕޭއަށް ވެސް މި މެޗުގައި ލަނޑުޖެހުމުގެ ފުރުސަތުތަކެއް ލިބުނުއިރު ނީސްގެ ކީޕަރު ވޯލްޓާގެ ހުށިޔާރުކަން މި މެޗުގައި ވަރަށް ބޮޑަށް ފެނިގެންދިޔަ އެވެ.

ނީސްއަށް ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޑޮލްބާގް އަށެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.