ރާއްޖެއާއެކު އެކުވެރިކަމުގެ ދެ މެޗެއް ކުޅެން ބޭނުންވާކަމަށް އެދި ނޭޕާލުން ފޮނުވި ހުށައެޅުމެއް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ލިބިއްޖެއެވެ.

ނޭޕާލުން ބޭނުންވަނީ މި ދެ މެޗު އެ ގައުމުގައި ކުޅުމަށެވެ. ނަމަވެސް ރާއްޖެއިން މަސައްކަތްކުރަނީ މި ދެ މެޗު ރާއްޖޭގައި ކުޅުމަށެވެ.

މި މެޗު ކުޅުމަށް ހުށައަޅާފައިވަނީ އަންނަ އަހަރުގެ ތެރޭގައެވެ. ނޭޕާލުން ހުށައެޅީ މި ދެ މެޗު އެ ގައުމުގެ ޕޮކަަހާރާ ސިޓީގެ ސްޓޭޑިއަމުގައި ކުޅުމަށެވެ. މި މެޗު އެ ސިޓީގައި ކުޅެން ބޭނުންވާއިރު މެޗު ކުޅެން ތާވަލުކުރި ދުވަސްވަރަކީ އެ ގައުމަށް ވަރަށް ފިނި ދުވަސްވަަރެކެވެ.

އެފްއޭއެމުން ބުނީ ދެ މެޗެއް ކުޅުމަށް ނޭޕާލުގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ. އަދި އެފްއޭއެމުން ބޭނުންވަނީ ނޭޕާލު ޓީމު ރާއްޖެ ގެނަސްގެން މެޗު ކުޅުމަށެވެ. އެކަމަކު ނޭޕާލުން ބޭނުންވަނީ އެގައުމުގައި މެޗުތައް ކުޅުމަށެވެ.

މި މެޗުތައް ކުޅުމާއި މެދު އެފްއޭއެމުން ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. އެފްއޭއެމަށް މި ހުށައެޅުން ލިބުނުއިރު ގައުމީ އާ ކޯޗު އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯ ވެސް ވަނީ އަންނަ މަހު މެޗެއް ކުޅެން ބޭނުންވާާކަން ހާމަކޮށްފައެވެ.

ނޭޕާލާއި ރާއްޖެއަކީ ސަރަހައްދުގައި ވާދަވެރި ދެ ގައުމެވެ. އެންމެފަހުން ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލް ވަނީ ރާއްޖެ ބަލިކޮށްފައެވެ. މިއީ ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ނޭޕާލުން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ.