ދިހަ ކުޅުންތެރިންނާއެކު ކުޅުނު އާސެނަލް ބަލިކޮށް އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ މިއަހަރު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ސިޓީ މި މެޗު ކާމިޔާބުކުރީ ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަކުންނެވެ. ސިޓީ މޮޅުވި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ އެންމެ ފަހުކޮޅުގައެވެ.

މި މޮޅާއެކު ސިޓީ ވަނީ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ސިޓީ އެއްވަނައިިގައި އޮތީ ކުޅުނު 21 މެޗުން ލިބުނު 53 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ޗެލްސީ އޮތީ ސިޓީއަށްވުރެ އެއް މެޗު މަދުން ކުޅެ 42 ޕޮއިންޓާއެކު އެވެ. ދެ މެޗު މަދުން ކުޅެ ލިވަޕޫލް ތިންވަނައިގައި އޮތީ 41 ޕޮއިންޓާއެކު އެވެ. އާސެނަލް އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އެއީ 20 މެޗުން 35 ޕޮއިންޓާއެކު އެވެ.

މިއީ އާ އަހަރު ފެށިއިރު މިހާ ބޮޑު ލީޑެއްގައި ތާވަލުގެ އެއްވަނައިގައި ޓީމެއް އޮތް ފުރަތަމަ ފަހަރެވެ. މި މެޗު ކުޅުނުއިރު އާސެނަލްގެ ކޯޗު މިކެލް އާޓޭޓާ ވަނީ ކޮވިޑަށް ފައްސިވުމުން ޓީމާއި ދުރުގައެވެ.

ސިޓީއާއި އާސެނަލް ކުޅުނު މެޗުގެ ތެރެއިން

ގިނަ ކާޑުތަކެއް މި މެޗުގެ ދެވަނަ ހާފުގައި ފެނިގެންދިޔަ އެވެ. މެޗުގައި އާސެނަލް އިން ލީޑުނެގި ލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބުކާޔޯ ސާކާ އެވެ. މިއީ ކިއެރަން ޓިއާނީ ދިން ބޯޅައަކުން އޭނާ ޖެހި ލަނޑެކެވެ. ފުރަތަމަ ހާފު ނިންމާލީ އާސެނަލް ލީޑުގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ސިޓީން ވަނީ ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މި ހާފުގެ 57 ވަނަ މިނެޓުގައި ރިޔާދް މަހްރޭޒް ޖެހި ލަނޑެކެވެ. މިއީ ވީއޭއާރު ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މިއީ އޭރިއާ ތެރެއިން އާސެނަލްގެ ގްރަނިޓް ސާކާ ސިޓީގެ ބެނާޑޯ ސިލްވާ ވައްޓާލުމާއި ގުޅިގެން ވީއޭއާރު ބެލުމަށްފަހު ރެފްރީ ދިން ޕެނަަލްޓީއެކެވެ.

މި ލަނޑު ޖެހިތާ މިނެޓެއްފަހުން އާާސެނަލްގެ ޑިފެންޑަރު ގެބްރިއަލް ދެ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިއީ ގެބްރިއަލް ޖިސުސް އަށް ކުރި ފައުލަކާއި ގުޅިގެން ދެއްކި ކާޑެކެވެ.