ފީފާ ވޯލްޑް ކަޕްގެ ދެވަނަ ސެމީ ފައިނަލްގައި މިރޭ ކްރޮއޭޝިއާ އާއި އިންގްލެންޑް ބައްދަލުކުރާއިރު، މި ދެ ޤައުމަށް ވެސް ސެމީ ފައިނަލްގައި މި ވާދަކުރަނީ ދިގު އިންތިޒާރަކަށް ފަހު އެވެ. ކްރޮއޭޝިއާ އެންމެ ފަހުން ވޯލްޑް ކަޕްގެ ސެމީ ފައިނަަލަށް ދަތުރުކުރީ 1998 ވަނަ އަހަރެވެ. އިންގްލެންޑް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މި ވާދަކުރަނީ 28 އަހަރު ފަހުންނެެވެ. އިންގްލެންޑް އެންމެ ފަހުން ސެމީގައި ވާދަކުރީ 1990 ވަނަ އަހަރެވެ.

ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ކްރޮއޭޝިއާ އާއި އިންގްލެންޑް ދަތުރުކުރާނެ ކަމަށް މުބާރާތް ފެށުމުގެ ކުރިން މާގިނަ ބަޔަކު ލަފައެއް ނުކުރެ އެވެ. އެކަމަކު މި ދެ ޓީމު ވެސް ސެމީ ފައިނަލަށް ދަތުުރުކުރީ އުނދަގޫ މެޗުތަކަކަށް ފަހު އެވެ. ކުއާޓާ ފައިނަލްގައި ރަޝިއާ އަތުން ކްރޮއޭޝިއާ މޮޅުވީ ޕެނަލްޓީ ޖަހައިގެނެވެ. އިންގްލެންޑް ސެމީ ފައިނަލުން ޖާގަ ހޯދީ ސްވިޑަން އަތުން މޮޅުވެގެނެވެ.

މި މެޗަށް ނުކުންނައިރު، ސްވިޑަންގެ ޑިފެންޑަރ ސިމޭ ވިރްސަލްޖްކޯ އަށް ވަނީ އަނިޔާވެފަ އެވެ. ކުއާޓާ ފައިނަލްގައި ކްރޮއޭޝިއާގެ ގޯލްކީޕަރ ޑެނިޔެލް ސުބަސިޗް އަށް އަނިޔާގެ މައްސަލައެއް ދިމާވި ނަމަވެސް، މިރޭގެ މެޗުގައި އޭނާ ފެންނާނެ ކަމަށް ބެލެވެ އެވެ.

ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނީ އިންގްލެންޑަށް އެ ޓީމުން އިހުތިރާމް ކުރި ނަމަވެސް، ކްރޮއޭޝިއާ އަށްވުރެ ރަނގަޅު ސްކޮޑެއް އިންގްލެންޑްގައި ނެތް ކަމަށެވެ.

"ހުރިހާ ބޮޑެތި ޓީމުތަކަށް ވެެސް އަހަރެމެން އިހުތިރާމްކުރަން. އެކަމަކު އެ ޓީމުތަކާ ހަމަ އެއް ފެންވަރެއްގެ ސްކޮޑޭއް ކްރޮއޭޝިއާގައި އެބައޮތް. އަހަރަމެން އެއްވެސް ޓީމެއް ދެކެ ޖެހިލުމެއް ނުވޭ،" ޑަލިޗް ބުންޏެެވެ.

އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓަށް މެޗުގެ ކުރިން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ފިޓުކޮށް ތިބުމެވެ. މެޗުގެ ކުރިން އޮތް ފަރިތަކުރުންތަކުގައި ވެސް ސްކޮޑުގެ ހުރިހާ ކުޅުންތެރިން ބައިވެރިވި އެވެ.

އިންގްލެންޑް:

މިއީ އިންގްލެންޑް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ވާދަކުރާ ތިން ވަނަ ފަހަރު.

ބައިނަލްއަޤުވާމީ ބޮޑު މުބާރާތެއްގެ ސެމީ ފައިނަލްގައި އެންމެ ފަހުން އިންގްލެންޑް ކުޅުނު ތިން ފަހަރު ވެސް އެ ޓީމު ވަނީ ބަލިވެފަ.

ވޯލްޑް ކަޕެއްްގައި ޔޫރަޕްގެ ދެ ޓީމު އަތުން އިންގްލެންޑް އެންމެ ފަހުން މޮޅުވީ 1982 ވަނަ އަހަރު.

ކްރޮއޭޝިއާ:

ކްރޮއޭޝިއާ ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަަލަށް ދަތުރުކޮށްފަ. އެއީ ކްރޮއޭޝިއާ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ފަހަރު.

ކްރޮއޭޝިއާ ވޯލްޑް ކަޕްގެ ސެމީ އަށް މި އަހަރު ދަތުރުކުރީ ދެވަނަ ބުރުގައި ޑެންމާކް އަދި ކުއާޓާ ފައިނަލްގައި ރަޝިއާ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެން. މިއީ 1990 ވަނަ އަހަރު ފަހުން ވޯލްޑް ކަޕްގެ ދެ މެޗުން ޕެނަލްޓީ ޖަހައިގެން ޓީމެއް މޮޅުވި ފުރަތަމަ ފަހަރު.

އެނގޭތަ؟

މިއީ ކްރޮއޭޝިއާ އާއި އިންގްލެންޑް ބައްދަލުކުރާ އަށް ވަނަ މެޗެވެ. އެކަމަކު ވޯލްޑް ކަޕްގައި މި ދެ ޓީމު މިހާތަނަށް ބައްދަލުކޮށްފައެއް ނުވެ އެވެ.