އެފްރިކާ ބައްރުގެ އެންމެ ޝަރަފްވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ޕެނަލްޓީ ޖަހައިގެން އައިވަރީ ކޯސްޓް ބަލިކޮށް މިސްރު މުބާރާތުގެ ކުއާޓާފައިނަލުން ޖާގަ ހޯދައިފިއެވެ.

މިސްރު ކުއާޓާފައިނަލަށް ދަތުރުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވުމުން އިތުރުވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީގައި 4-5 އިން އައިވަރީ ކޯސްޓް ބަލިކޮށްގެންނެވެ.

އައިވަރީ ކޯސްޓް އަތުން ހޯދި މި މޮޅާއެކު މުބާރާތުގެ ކުއާޓާފައިނަލުގައި މިސްރު ބައްދަލުކުރަންޖެހޭ ޓީމަކީ މޮރޮކޯ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި މިސްރުން ވަނީ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ހާއްސަކޮށް މިސްރުގެ ފޯވާޑު އޮމަރ މަމޫޝްއަށް ހުރަސްދަނޑި އަށް ފޮނުވާލި ބޯޅަ ފާހަގަކޮށްލެވެއެވެ.

މި މެޗުގެ ފުރަތަމަ ހާފު ވާދަވެރިކޮށް ދިޔައިރު ދެވަނަ ހާފު މިސްރުން ބޮޑު ހަތިޔާރަކަށް ބޭނުންކުރަން މަސައްކަތްކުރީ އެ ޓީމުގެ ތަރި މުހައްމަދު ސަލާހެވެ. އޭނާއަށް ދޭ ބޯޅަތައް ގިނަކުރަން މިސްރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

މެޗުގައި ޖެހި ޕެނަލްޓީތަކުގެ ތެރެއިން އައިވަރީ ކޯސްޓަށް ނާކާމިޔާބުވީ އެރިކް ބައީގެ ޕެނަލްޓީއެވެ. މިއާއެކު ކުއާޓާފައިނަލުގައި ބައްދަލުކުރާ ޓީމުތަކުގެ ތެރެއިން ޖާގައެއް މިހާރު ކަށަވަރުނުވަނީ އެއް ޓީމަށެެވެ. އެ ޖާގައަށް ދާ ޓީމެއް ޔަގީންވާނީ މިރޭ މާލީ އާއި އިކުއެޓޯރިއަލް ގިނީ ބައްދަލުކުރާ މެޗުންނެވެ.