ފަހަތުން އަރައި މަހިބަދޫ ސްޕޯޓްސް ކްލަބް ބަލިކޮށް އެފްއޭއެމް ޔޫތް ޗެމްޕިއަންޝިޕްގައި ޓީސީ ސްޕޯޓްސް ކްލަބު މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފި އެވެ.

ހުކުރު ދުވަހުގެރޭ ކުޅުނު މި މެޗު ކާމިޔާބުކޮށް ޓީސީ ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ މަހިބަދޫގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މެޗުގައި އެންމެ ފުރަތަމަ ފެނުނީ މަހިބަދޫ ދެ ލަނޑުގެ ލީޑެއް ނެގިތަނެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑާއެކު މި ދެ ލަނޑުވެސް ކާމިޔާބުކުރީ ހަސަން ނާއިމް އެވެ.

ދެ ލަނޑުގެ ލީޑެއް އޮތްނަމަވެސް މާ ގިނައިރަކު އެ ހިފަހައްޓައެއް ނުލެވުނެވެ. ޓީސީން ވަނީ މެޗުގެ 23 ވަނަ މިނެޓުގައި ސުން ކަނޑުވާލާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޔޫސުފް ޝާއިފްއެވެ. އަދި މި ލަނޑު ޖެހިތާ 12 މިނެޓު ފަހުން ސާއިފް ވަނީ އެއްވަރުކުރި ލަނޑު ޖަހާފައެވެ.

މެޗުގައި ޓީސީން ލީޑުނަގާފައިވަނީ ދެވަނަ ހާފުގެ 85 ވަނަ މިނެޓުގައެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފަހުމާން އަބްދުލް ހަމީދު ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާއާއެކު ޓީސީއަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. އެ ޓީމުގ ކުލުނު ފުރަތަމަ މެޗުގައި ވަނީ ވެލެންސިއާ 4-3 އިން ބަލިކޮށްފައެވެ. ދެވަނައިގައި އޮތީ ޔުނައިޓެޑް އިއްޔެ ހަވީރު ވެލެންސިއާ އަތުން މޮޅުވި ޔުނައިޓެޑް ވިކްޓްރީއެވެ. ތިންވަނައިގައި މަހިބަދޫ އޮތީ އެއް ޕޮއިންޓާއެކު އެވެ. އެއާާއެކު ވެލެންސިއާ ވަނީ މުބާރާތުން ކަޓާފައެވެ.

ޔޫތު ޗެމްޕިއަންޝިޕުގައި އަންނަ އާދީއްތަ ދުވަހުވެސް މެޗުތަކެއް ކުޅޭނެއެވެ. އެ ދުވަހު ހަވީރު ބައްދަލުކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސްއާއެވެ އަދި އާދީއްތަ ދުވަހުގެރޭ ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކުލަބް އީގަލްސް އެވެ.