ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ކުލަބު ވުލްވަހެމްޓަން އިން ބާސެލޯނާއަށް ބަދަލުވި އެޑަމާ ޓްރައޯރޭ ބާސެލޯނާގެ މެޑިކަލް ފުރިހަމަކޮށްފިއެވެ.

އަޑަމާ ޓްރައޯރޭ ބާސެލޯނާއަަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށެވެ. އޭނާ ބާސެލޯނާއަށް އައިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ވަނީ އެ ކުލަބުގެ މެޑިކަލް ފެސިލިޓީއަށް ގޮސް މެޑިކަލް ކަންކަން ފަށާފައެވެ.

އޭނާ ބާސެލޯނައާއި ގުޅުނުކަން ރަސްމީކޮށް ހާމަކުރުމުގެ މަރުހަލާތައް މިހާރު ފުރިހަމަކުރަަމުން އަންނަކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިއަދުގެ ވަގުތެއްގައި ރަސްމީކޮށް ހާމަކުރާނެކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އަޑަމާ ޓްރައޯރޭ އަކީ ބާސެލޯނާ އެކަޑަމީން ވިދާލި ކުޅުންތެރިއެކެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން އައި ނަމަވެސް އޭނާގެ އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތުވެސް ބާސެލޯނާއަށް އެބައޮތެވެ. އެއީ ކުޅުން ރަނގަޅުނަމަ 30 މިލިއަން ޔޫރޯއަށެވެ.

ބާސެލޯނާގެ މާލީ ހާލަތު ދަށް މި ދުވަސްވަރު އެ ކުލަބުން އަޅާފައިވާ ފިޔަވަޅުތަކާއި އެކު އަޑަމާ ޓްރައޯރޭ ވެސް ވަނީ އޭނާގެ މުސާރަ ކުޑަކުރަން އެއްބަސްވެފައެވެ.

މެޑިކަލް ކަންކަމާއި އެގްރީމެންޓްގެ ކަންކަން ފުރިހަމަކުރުމަށް ފަހު ބާސެލޯނާާއާއި އެކު އޭނާ ރަސްމީކޮށް ފަރިތަކުރުންތައް ފަށާނެކަމަށް ބެލެވެނީ އަންނަ ހޯމަދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު