ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި އޮސްމާން ޑެމްބެލޭ އަށް ޝައުގުވެރިވެ އޭނާ ހޯދުމުގެ މަސައްކަތް މެންޗެސްޓަރ ޔުނައިޓެޑުން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޑެމްބެލޭ ހޯދުމުގެ ރޭހުގައި ގިނަ ކުލަބުތަކަކުން އަންނަނީ ބައިވެރިވަމުންނެވެ. މީގެތެރޭގައި އިނގިރޭސި ތިން ކުލަބަކާއި އެހެނިހެން ލީގުތަކުގެ ބޮޑެތި ޓީމުތައްވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ޑެމްބެލޭ ގެނައުމަށް ޝައުގުވެރިވާ އިނގިރޭސި ތިން ޓީމަކީ ނިއުކާސަލް ޔުނައިޓެޑާއި މެންޗެސްޓަރ ޔުނައިޓެޑުގެ އިތުރުން ޗެލްސީއެވެ.

މެންޗެސްޓަރ ޔުނައިޓެޑުން މަސައްކަތްކުރަނީ ޑެމްބެލޭއަށް ބޮޑު އަދަދެއް ހުށައެޅުމަށެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ހަފްތާއަކު ފަސް ލައްކަ ޕައުންޑު ހުށައެޅުމަށް މެންޗެސްޓަރ ޔުނައިޓެޑުން އަންނަނީ ތައްޔާރުވަމުންނެވެ.

މީގެއިތުރުން ޑެމްބެލޭގެ އެހެނިހެން ހަރަދުތަކަށް ވެސް ބޮޑު ހޭދައެއް ކުރުމަށް މެންޗެސްޓަރ ޔުނައިޓެޑުން ތިބީ ތައްޔާރަށެވެ. މިއީ މިހާތަނަށް އިނގިރޭސި ކުލަބަކުން އޭނާ ހޯދުމަށް ހުށައެޅި އެންމެ ބޮޑު އަދަދު ކަމަށްވެް ރިޕޯޓުތައް ބުނެއެވެ. ދެން އެންމެ ގާތުގައި އުޅެނީ ނިއުކާސަލް އެވެ.

ބާސެލޯނާއާއި އެކު ޔުނައިޓެޑުން މަޝްވަރާތައް ފަށާފައިވާއިރު އަންނަ ހޫނު މޫސުމުގައި ހިލޭ ޓްރާންސްފަރ އެއްގެ ދަށުން އޭނާ ގެންދަން އެހެން ކުލަބުތަކުން ވެސް މަސައްކަތްކުރާނެ ކަމަށް ބެލެވެއެވެ.

އަނިޔާގެ މައްސަލަ ކުރިމަތިލާން ޖެހޭ ފަހަރުތައް ގިނަވެ ޑެމްބެލޭގެ އަސްލު ފޯމަށް ރުޖޫއަވާން އޭނާއަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އޭނާގެ ކެރިއަރުގައި މިހާތަނަށް ބާސާއަށް ކުޅުނު 118 މެޗުގައި ޖެހުނީ އެންމެ 30 ލަނޑެވެ. ގިނަ މެޗުތަކުގައި އޭނާ ނުކުޅެއެވެ.