މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގަައި ބައިވެރިވާ ބޭރުގެ ކުޅިވަރު ޝަހުސިއްޔަތުންގެ ތެރޭގައި ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަން އަލްބިން އައުސްޗަން އާއި ޔޫކޭގެ މަޝްހޫރު ޕެރަލިމްޕިކް ތަރި ލޫސީ ސުކާ ބައިވެރިވާނެކަން ހާމަކޮށްފިއެވެ.

މިހާތަނަށް އައި އިރުވެސް ގިނަ އަދަދެއްގެ ބޭރުގެ ކުޅިވަރު ޝަހުސިއްޔަތުން ވަނީ މި އެވޮޑު ހަފްލާގައި ބައިވެރިވާނެކަން ހާމަކޮށްފައެވެ.

އެއީ ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮބާޓޯ ކާލޯސް އާއި އެ ގައުމުގެ ވޮލީގެ ތަރި ގިލްބާޓޯ ގޮޑޯއި (ގީބާ)، ޕެރަލިމްޕިކް ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިޝެލް ސަލްގާޑޯ، އަދި ސްވިޑަންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމްއެވެ.

ލޫސީ ސުކާ

ޕެރަލިމްޕިކް ޓެނިހުގައި އޭނާއަކީ މަގްބޫލު ނަމެކެވެ. އުމުރުން 41 އަހަރުގެ ކުޅުންތެރިޔާ ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް 100 އަށްވުރެ ގިނަ ތަށި ހޯދާފައެވެ. އެއީ 2002 ގައި ކުޅެން ފެށި ފަހުން އޭނާ ހޯދި ކާމިޔާބީތަކެވެ.

ޔޫކޭގައި އުފެދުނު އެންމެ ކާމިޔާބު ޕެރަލިމްޕިކް ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ފާހަގަވެފައިވާ މި ކުޅުންތެރިޔާ ވަނީ ދުނިޔޭގެ އެންމެ ވަރުގަދަ ސިންގަލްސް ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނި، ޑަބަލްސް ރޭންކިންގެ ގަދަ ތިން ޕެއާގެ ތެރޭގައި ހިމެނިފައެވެ.

މީގެއިތުރުން އޭނާ ވަނީ ވިމްބްލެޑަން ޑަބަަލްސްގެ ފައިނަލްގައި ފަސް ފަހަރު ވާދަކޮށް އޮސްޓްރޭލިއަން އޯޕަން ޑަބަލްސް ފައިނަލްގައި ހަތަރު ފަހަރު ވާދަކޮށްފައެވެ.

އަލްބިން އައުސްޗަން

ޕޫލް ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަންކަން އޭނާ ދެ ފަހަރެއްގެ މަތިން ވަނީ ހޯދާފައެވެ. އެއީ 2016 ވަނަ އަހަރުގެ އިތުރުނ 2021 ވަނަ އަހަރުގައެވެ. އަދިި ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޭނާ ވަނީ ހިމެނިފައެވެ.

މީގެއިތުރުން ދެ ވޯލްޑްކަޕެއްގެ ޕޫލް ޗެމްޕިއަންކަން އޭނާ ވަނީ ހޯދާފައެވެ. އަދި އޭނާ ވަނީ ޗައިނާ އޯޕަންގެ ޗެމްޕިއަން ކަާއި 2021 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

މި އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގައެވެ. އެވޯޑު ހަފްލާއަށް ގާތްގަނޑަކަށް 15 ވަރަކަށް ދުނިޔޭގެ ކުޅިވަރު ޝަހްސިއްޔަތުން ބައިވެރިވާނެ ކަމަށް ކުޅިވަރާބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.