މެންޗެސްޓަ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ކްލަބުގައި މަޑުކުރުވުމަށް ބޮޑު މުސާރައެއް އޭނާ އަށް ހުށަހެޅުމުން ކްލަބުގެ އެހެން ކުޅުންތެރިން ރުޅިގަދަވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑުގައި ޕޮގްބާ ބަހައްޓަން އެ ކްލަބުން ހުށަހެޅި އާ ކޮންޓްރެކްޓުގައި މުސާރައިގެ ގޮތުގައި ވަނީ ހަފުތާއަކު ފަސް ލައްކަ ޕައުންޑް ހުށަހަޅައިފައެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ހަތަރު ޕައުންޑް އަދި އެޑް އޮންސްގެ ގޮތުގައި އެއްލައްކަ ޕައުންޑެވެ. މި ހުށަހެޅުން ޕޮގްބާ ގަބޫލުކޮށްފިނަމަ އޭނާ ވެގެންދާނީ ޕްރިމިއަ ލީގުގައި ހުރި އެންމެ މުސާރަ ބޮޑު ކުޅުންތެރިއާ އަށެވެ.

ޕޮގްބާ އަށް ހަފުތާއަކު ބައި މިލިއަން ޕައުންޑުގެ މުސާރައެއް ޔުނައިޓެޑުން ހުށަހެޅުމުން އެ ކްލަބުގެ ގިނަ ކުޅުންތެރިން ތިބީ ހިތްހަމަނުޖެހިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އެވަރުގެ މުސާރައެއް ހައްގުވާ ވަރުގެ ކުޅުމެއް ޕޮގްބާ އަށް ދަނޑުމަތީގައި ނުދެއްކޭ ކަމަށް ޔުނައިޓެޑުގެ ކުޅުންތެރިން ގަބޫލުކުރެ އެވެ.

ޔުނައިޓެޑާއެކު ޕޮގްބާ އެންމެ ފަހުން ހަދާފައިވާ އެއްބަސްވުން އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. މީގެ ކުރިން ޔުނައިޓެޑުން ހުށަހެޅި އާ ކޮންޓްރެކްޓަށް ޕޮގްބާގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބި އޮތް އެންމެ ބޮޑު ސަބަބަކީ ވެސް ޕޮގްބާ ބޭނުންވާ ވަރުގެ މުސާރައެއް ދޭން ޔުނައިޓެޑުން އެއްބަސްނުވުމުންނެވެ.

އޭރު ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ޑިމާންޑް ކުރަމުން އައީ މިވަގުތު ޔުނައިޓެޑުގައި އެންމެ ބޮޑު މުސާރައެއް ނަގާ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވުރެ ބޮޑު މުސާރައެއް ޕޮގްބާ އަށް ދިނުމަށެވެ. ޔުނައިޓެޑުން މިފަހުން ޕޮގްބާ އަށް ހުށަހެޅި މުސާރައާއެކު ރައިއޯލާގެ ޑިމާންޑުތައް ފުރިހަމަވެގެންދާނެ އެވެ.

ޔުނައިޓެޑުގައި މަޑުކުރުމާމެދު ޕޮގްބާ އެންމެ ފަހުން ބުނެފައިވަނީ އެކަމާމެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕޮގްބާ ވަނީ ގައުމީ ޓީމުގައި އޭނާ އަށް ރަނގަޅަށް ކުޅެވޭ އިރު، ޔުނައިޓެޑްގައި އޭނާ އަށް ޕަފޯމް ނުކުރެވެނީ ކޮން މައްސަލައަކާ ހެދި ކަމެއް ބުނެދޭން ނޭނގޭ ކަމަށް ބުނެފަ އެވެ. އަދި ޔުނައިޓެޑަށް ބަދަލުވީ ތަށި ހޯދަން ކަމަށާއި އެހެންނަމަވެސް މިސީޒަނުގައިވެސް ހޯދޭނެ ތައްޓެއް ނެތް ކަމަށް ޕޮގްބާ ބުންޏެވެ. ޗެމްޕިއަންސް ލީގާއި، އެފްއޭ ކަޕުންވެސް ކަޓާފައިވާ ޔުނައިޓެޑު އޮތީ ލީގުގެ ގަދަ ހަތަރަކުން ވެސް ބޭރުގައެވެ.

އުމުރުން މިހާރު 29 އަހަރުގެ ޕޮގްބާ އިޓަލީގެ ޔުވެންޓަސް އިން އޭރުގެ ރެކޯޑު ފީ އެއްގައި ޔުނައިޓެޑާ ގުޅުނީ 2016 ވަނަ އަހަރު އެވެ. ހޯސޭ މޮރީނިއޯ ޔުނައިޓެޑާ ހަވާލުވެގެން ހުރިއިރު ގެނައި ޕޮގްބާ އަށް އޭނާގެ ހަގީގީ ފެންވަރު ޔުނައިޓެޑުގައި އަދި މިހާތަނަށް ނުދެއްކެ އެވެ.