ފަލަމަސްގަޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ ގޮންޒަލެޒް ގިނަ ދުވަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.

މިދިޔަ އަހަރުގެ ގޯލްޑެން ބޯއީ އެވޯޑް ހޯދި ޕެޑްރީ، 19، އަށް އަނިޔާވީ ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންފާޓާ ބާސާ ކުޅުނު މެޗުގައެވެ. މެޗު ތެރެއިން އަނިޔާވެގެން ޕެޑްރީ ވަނީ ބަދަލުކޮށްފައެވެ.

ބާސެލޯނާގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާގޮތުން ޕެޑްރީގެ ފަލަމަސްގަޑުން ބައެއް ވަނީ އިރައިގެން ގޮސްފައެވެ. މިއީ ޕެޑްރީގެ ފަލަމަސްގަޑަށް އަނިޔާވި ފުރަތަމަ ފަހަރެއް ނޫނެވެ. ސީޒަނުގެ ކުރީކޮޅު ވެސް މީގެ އަނިޔާއަކާ ގުޅިގެން އޭނާ އަށް ގިނަ މެޗުތަކެއް ގެއްލިގެންދިޔަ އެވެ.

ފަހަކަށް އައިސް ޕެޑްރީ އަންނަނީ ބާސާގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ސީޒަނުގެ ކުރީކޮޅު އަނިޔާގައި ހުރުމަށްފަހު އެނބުރި އައިސް ޕެޑްރީ ވަނީ ބާސާގެ ނަތީޖާތައް ރަނގަޅު ކުރުމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ. ޒަވީ ހާނަންޑެޒްގެ ދަށުން ކުޅޭ ބާސާގެ އާ ފުޓްބޯޅަ ޕްރޮޖެކްޓުގެ މޭސްތިރިއަކީ ޕެޑްރީ ކަމުން އޭނާ ނެތުމަކީ ސީޒަނުގެ ބާކީ ދުވަސްތަކުގައި އެ ކްލަބަށް ކުރިމަތިވާނެ މައްސަލަ އަކަށް ވާނެ އެވެ.

ޒަވީގެ އިރުޝާދުގެ ދަށުން ރަނގަޅު ނަތީޖާތަކެއް ނެރެމުން އައި ބާސާ ރޭ ވަނީ އަޑިއަޅާލައިފައެވެ. ފްރޭންފާޓު އަތުން އަމިއްލަ ދަނޑުގައި 3-2 އިން ބަލިވެ ޔުރޮޕާ ލީގުން ބާސާ ކެޓިއިރު މިސީޒަން އެ ކްލަބުން ނިންމާލަން ޖެހޭނީ ތައްޓެއް ނުލިބި އެވެ.