އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލް އާއި ޓޮޓެންހަމް ހޮޓްސްޕާސް ބަލިވިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކުން ނޯވިޗް ސިޓީ ބަލިކޮށް މެންޗެސްޓަ ޔުނައިޓެޑުން ލީގުގެ ފަސްވަނަ އަށް ޖެހިލައިފިއެވެ.

ފަހަކަށް އައިސް ރަނގަޅު ނަތީޖާތަކެއް ނެރެމުން އައި ޓޮޓެންހަމް ވަނީ ރޭ އަމިއްލަ ދަނޑުގައި ކުޅެ 1-0 އިން ބްރައިޓަން އަތުން ބަލިވެފައެވެ. ރަށުން ބޭރުގައި ކުޅުނު މެޗުން ސައުތެމްޓަން އަތުން އާސެނަލް ބަލިވީ ވެސް 1-0 އިންނެވެ. އާސެނަލް ވަނީ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފައެވެ.

ބްރައިޓަން އަތްދަށުވި ނަމަވެސް ޓޮޓެންހަމް އޮތީ އަދިވެސް ހަތަރެއްގަ އެވެ. އެ ޓީމުން ވަނީ 32 މެޗުން 57 ޕޮއިންޓް ހަމަކޮށްފައެވެ. އާސެނަލް ބަލިވުމުގެ ފައިދާ ނަގައި ޔުނައިޓެޑުން ވަނީ 32 މެޗުން 54 ޕޮއިންޓް ހަމަކޮށް ފަސްވަނަ އަށް ޖެހިލައިފައެވެ. ހަވަނަ މަގާމަށް ވެއްޓުނު އާސެނަލް އަށް ވެސް ވަނީ 54 ޕޮއިންޓް ލިބިފައެވެ. ޔުނައިޓެޑަށް ފަސް ވަނަ ލިބެނީ ފައިދާ ގޯލު އެއްވަރުވެފައި އޮތުމުން، ޖެހި ގޯލުން ކުރި ލިބޭތީ އެވެ.

ލީގުގައި ރޭ ފުލުގައި އޮތް ނޯވިޗް އަތުން ޔުނައިޓެޑު މޮޅުވީ 3-2 އިންނެވެ. މެޗުގައި ޔުނައިޓެޑުން ޖެހި ތިން ގޯލް ވެސް ޖެހީ ރޮނާލްޑޯ އެވެ. އުމުރުން 37 އަހަރުގެ ރޮނާލްޑޯ އޭނާގެ ފުރަތަމަ ގޯލް މެޗުގެ 7 ވަނަ މިނެޓުގައި ޖެހީ އެންތޮނީ އެލަންގާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އޭގެ ފަހުން މެޗުގެ 32 ވަނަ މިނެޓުގައި އެލެކްސް ޓެލެސް ދިން ބޯޅަ އަކުން ރޮނާލްޑޯ ވަނީ ޔުނައިޓެޑުގެ ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ ހާފު ނިމުމުގެ ކުރިން ނޯވިޗްގެ ކިއެރަން ޑޮވެލް ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްދީފަ އެވެ. ނޯވިޗުން ވަނީ ދެ ވަނަ ހާފް ފެށިގެން ހަތް ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލް ޖެހީ ފޯވަޑް ޓީމޫ ޕޫކީ އެވެ.

ޔުނައިޓެޑު މޮޅުކޮށްދިން ގޯލް ޖަހައި ރޮނާލްޑޯ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 76 ވަނަ މިނެޓުގައެވެ. މިއީ ރޮނާލްޑޯ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި ހެދި 60 ވަނަ ހެޓްރިކެވެ. އެކްޓިވް ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ހެޓްރިކް ހަދާފައިވަނީ ވެސް ރޮނާލްޑޯ އެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ބްރައިޓަން މޮޅުވި މެޗުގައި ބްރައިޓަން އިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ ބެލްޖިއަމްގެ ފޯވާޑް ލެއަންޑްރޯ ޓްރޮސާޑް އެވެ. ޓްރޮސާޑް ގޯލް ޖެހީ މެޗުގެ އެންމެ ފަހު މިނެޓުގަ އެވެ.

އާސެނަލް އާއި ސައުތެމްޓަން ބައްދަލުކުރި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޔެން ބެޑްނަރެކެވެ.