ޗެލްސީ އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ ގެންނަން އެތްލެޓިކޯ މެޑްރިޑުން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ ޖެނުއަރީ މަހު އާސެނަލް އިން ޗެލްސީއާ ގުޅުނު ޖިރޫ ވަނީ ނިމިގެންދިޔަ ސީޒަނުގައި އެ ކްލަބަށް ކުޅެދިން 13 މެޗުގައި ތިން ގޯލު ކާމިޔާބުކޮށްދީފައެވެ. މިދިޔަ ސީޒަނުގެ ފަހުކޮޅު ޗެލްސީގެ ފުރަތަމަ އެގާރައިން އަލްވަރޯ މޮރާޓާގެ ބަދަލުގައި ފުރުސަތު ދީފައިވަނީ ޖިރޫ އަށެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އެތްލެޓިކޯ އިން ޖިރޫ ގެންނަން ބޭނުންވަނީ ލޯނެއްގެ ދަށުންނެވެ. ޖިރޫ ގެނައުމާ ގުޅޭގޮތުން ޗެލްސީ އާއެކު ދާދިފަހުން އެތްލެޓިކޯ އިން މަޝްވަރާތަކެއް ކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޖިރޫގެ އިތުރުން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އޭސީ މިލާނަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ފޯވާޑް ނިކޮލާ ކަލިނިޗް ގެނައުމަށް ވެސް އެތްލެޓިކޯ އިން ޝައުގުވެރިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޖިރޫ ގެންނަން އެތްލެޓިކޯ އިން ޝައުގުވެރިވާއިރު ޗެލްސީން އަންނަނީ ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އޭނާ ގެނައުމަށް ޗެލްސީން މަސައްކަތް ކުރަނީ ގާތްގަނޑަކަށް 53 މިލިއަން ޕައުންޑުގެ އަގަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހިގުއައިން ގެނައުމަށް ޗެލްސީގެ އިތުރުން އޭސީ މިލާނުން ވެސް ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހިގުއައިން ގެނައުމަށް ޗެލްސީން މަސައްކަތް ކުރަމުން އަންނައިރު، ޗެލްސީގެ މިހާރު ކޯޗު މައުރީޒިއޯ ސާރީ އާއެކު ހިގުއައިން މީގެކުރިން ވަނީ ނަޕޯލީގައި މަސައްކަތް ކޮށްފައެވެ. އެގޮތުން ހިގުއައިންގެ އެންމެ މޮޅު ކުޅުން ފެނިގެން ގޮސްފައިވަނީ ވެސް ސާރީއާއެކު މަސައްކަތް ކުރިއިރުކަން ފާހަގަކޮށްލެވެއެވެ.