އެފްއޭ ކަޕްގައި 0-2 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ބަލިކޮށް ޗެލްސީން މުބާރާތުގެ ފައިނަލަށް 16 ވަނަ ފަހަރަށް ދަތުރުކޮށްފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ޗެލްސީންނެވެ. އެގޮތުން އެޓީމުން ވަނީ ޕެލަސްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފެއްދުމަށް މަސައްކަތް ކޮށްފައެވެ.

ނަމަވެސް ފުރަތަމަ ހާފުގެ ވަކި ހިސާބަކުން ޕެލަސްއިން މެޗުގެ ކޮންޓްރޯލް ނެގުމަށް މަސައްކަތް ކުރިއިރު، ޗެލްސީން އެކަމަށް ފުރުސަތު ދީފައެއް ނުވެއެވެ. އެގޮތުން ޗެލްސީން ވަނީ މެޗުގެ ތެރެއަށް އަނބުރާ ވަދެ ކޮންޓްރޯލް ހޯދާފައެވެ.

ދެވަނަ ހާފް ފެށިގެން ޗެލްސީން ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކުރަމުން ގޮސްފައިވާއިރު، ޕެލަސްއިން ދިޔައީ ޗެލްސީ ހުއްޓުވަން ބުރަ މަސައްކަތް ކުރަމުންނެވެ.

މެޗުގައި ޗެލްސީން ލަނޑު ޖަހާ ލީޑު ނެގީ 65 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޮފްޓަސް ޗީކްއެވެ. މި ލަނޑާއެކު ޗެލްސީން އިތުބާރާއެކު ކުޅެމުންދިޔައިރު، ލަނޑު ޖެހުމަށް އިތުރު ގިނަ ފުރުސަތުވެސް އެޓީމުން ތަނަވަސްކުރިއެވެ.

މިގޮތުން ޗެލްސީން މެޗުގެ ލީޑު ފުޅާކުރީ 76 ވަނަ މިނެޓުގައި ވާނާގެ އެހީތެރިކަމާއެކު މައުންޓް ކާމިޔާބުކުރި ލަނޑުންނެވެ. މެޗު ނިމުމުގެ ކުރިން ލީޑު އިތުރަށް ފުޅާކުރަންވެސް ޗެލްސީއަށް ވަނީ ފުރުސަތު ލިބި ބޭކާރުވެފައެވެ.

މުބާރާތުގެ 16 ވަނަ ފައިނަލަށް ޗެލްސީ ދަތުރުކޮށްފައިވާއިރު، އެޓީމު ވަނީ މުބާރާތުގެ ޗެމްޕިއަންކަން އަށް ފަހަރު ހޯދާފައެވެ. އަދި ރަނަރަޕްކަން ހަތް ފަހަރު އެޓީމުން ވަނީ ހޯދާފައެވެ.

މުބާރާތުގެ ސެމީއާ ހިސާބުން ޕެލަސް ކެޓިއިރު، އެޓީމު ވަނީ މުބާރާތުގެ ފައިނަލަށް މީގެ ކުރިން ދެ ފަހަރު ދަތުރުކޮށްފައެވެ. ނަމަވެސް އެ ދެ ފަހަރުވެސް އެޓީމަށް ލިބިފައި ވަނީ ދެވަނައެވެ.

މުބާރާތުގެ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ނިކުންނާނީ މި މުބާރާތުގެ ފައިނަލަށް 15 ފަހަރު ދަތުރުކޮށް 7 ފަހަރު ކާމިޔާބުކޮށްފައިވާ ލިވަޕޫލްއެވެ. ލިވަޕޫލް ފައިނަލުގެ ޖާގަ ކަށަވަރުކުރީ މެންޗެސްޓާ ސިޓީގެ މައްޗަށް ކުރިހޯދައިގެންނެވެ.

ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 19:00 ޖަހާއިރެވެ.