ސްޕެނިޝް ލަލީގާގައި 0-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކޮށް ރެލިގޭޝަން ޒޯނުން ކަޑިޒް ބޭރަށް ޖެހިލައިފިއެވެ.

ތާރީހުގައި ފުރަތަމަ ފަހަރަށް ކޭމްޕްނައުގައި ކަޑިޒްއިން ބާސާ ބަލިކުރި މި މެޗު ފެށިގެން ބާސާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ކަޑިޒްގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ވަނީ ހަމަލާތައް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ.

ނަމަވެސް މުޅި މެޗުގައިވެސް ވަރުގަދަ ޑިފެންސެއް ކުރަމުންދިޔަ ކަޑިޒްއިން ވަނީ ބާސާ ހިފެހެއްޓުމަށް ބުރަ މަސައްކަތް ކޮށްފައެވެ. އެގޮތުން ބާސާއިން އުފައްދަމުން ދިޔަ ހަމަލާތައް ކަޑިޒްއިން ވަނީ ހުށިއާރު ކަމާއެކު ނާކާމިޔާބުކޮށްފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 48 ވަނަ މިނެޓުގައި ކަޑިޒްއަށް ކާމިޔާބުކޮށްދިނީ ލޫކަސް ޕެރޭޒްއެވެ. މި ލަނޑާއެކު ކަޑިޒްއިން ފެނިގެންދިޔައީ މުޅި މެޗުގައިވެސް ޑިފެންސިވްކޮށެވެ.

މުޅި މެޗުގައި ބާސާއިން ހަތް ޝޮޓް އޮފް ޓާގެޓަށް ފޮނުވާލާފައިވާއިރު، އޮން ޓާގެޓަށް ފޮނުވާލާފައިވަނީ ހަ ޝޮޓެވެ. އަދި ކަޑިޒްއިން އޮފް ޓާގެޓަށް ދެ ޝޮޓް ފޮނުވާލާފައިވާއިރު، އޮން ޓާގެޓަށް ހަތަރު ޝޮޓް ވަނީ ފޮނުވާލާފައެވެ.

މި ނަތީޖާއާއެކު ބާސެލޯނާ އޮތީ ކުޅުނު 31 މެޗުން ލިބުނު 60 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި 32 މެޗުން 75 ޕޮއިންޓް ހޯދައިގެން ރެއާލް މެޑްރިޑް އޮތްއިރު، ތިން ވަނައިގައި އޮތީ 32 މެޗުން ބާސާއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ސެވިއްޔާއެވެ.

މީގެއިތުރުން މި ނަތީޖާއެކު ރެލިގޭޝަންގެ ބިރުގައި އޮތް ކަޑިޒް ވަނީ ރެލިގޭޝަން ޒޯނުން ބޭރުވެ، ޕޮއިންޓް ތާވަލުގެ 16 ވަނައަށް ޖެހިލާފައެވެ. އެޓީމަށް ލިބިފައިވަނީ 32 މެޗުން 31 ޕޮއިންޓެވެ.