ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ "ސްޕޯޓިން ސަކްސެސާ" އެއްކަމަށް ކަނޑައަޅާފައިވާ ލިޔުމެއް އަދިވެސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެ ކްލަބާ ހިއްސާކޮށްފައި ނުވާކަމަށް ރޭޑިއަންޓް އިން ބުނެފިއެވެ.

ރޭޑިއަންޓް އިން ބުނީ، ރޭޑިއަންޓްއަކީ ނިއުރޭޑިއަންޓްގެ ސަކްސެސާއެއް ކަމަށް ބުނާ ލިޔުން ހޯދަން މިއަދު އެ ކްލަބުން އެފްއޭއެމްއަށް ގޮސްފައިވާ ކަމަށާއި، އެފްއޭއެމް އިން ބުނެފައިވަނީ އޭއެފްސީން ލިޔުން ލިބުނުހާ އަވަހަށް ކްލަބާ އެ ލިޔުން ހިއްސާ ކުރާނެ ކަމަށެވެ.

ނަމަވެސް، އެފްއޭއެމް އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކެޓްރީ އަބްދުﷲ ޝިބާއު (ޝިބާ) ވިދާޅުވެފައި ވަނީ، އޭއެފްސީގެ ކްލަބް ލައިސަންސިން ހެޑާއެކު އިއްޔެ ފޯން ކޯލް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި ލިޔުންތައް ރޭޑިއަންޓްއާ ހިއްސާ ކުރިޔަސް މައްސަލައެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.

"ފޯން ކޯލް މެދުވެރިކޮށް އޭއެފްސީގެ ކްލަބް ލައިސަންސިން ހެޑާއެކު ވަނީ މީޓިންއެއް ބޭއްވިފައި. ރޭޑިއަންޓުން ވަނީ މިކަމުގައި އެފްއޭއެމް އާއި އޭއެފްސީއާ ދެމެދު ކުރެވިފައިވާ މުއާމަލާތްތައް ހިއްސާކުރުމަށް އެދިފައި. މި ބައްދަލުވުުގައި އެ ލިޔުންތައް ހިއްސާ ކުރިޔަސް މައްސަލައެއް ނެތް ކަމަށް އޭއެފްސީން ވަނީ ބުނެފައި. އަދި އެ ލިޔުންތައް އަޅުގަނޑުމެން ރޭޑިއަންޓާ ހިއްސާ ކުރާނަން" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިބާ ވިދާޅުވިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ރޭޑިއަންޓްގެ ޗެއާމަން މުހައްމަދު ވާސިފް ވިދާޅުވީ، ރޭޑިއަންޓް އާއި އެފްއޭއެމް ދެމެދުގައި އޮތީ ޒާތީ ކަމެއްކަން މިހާރު ޔަގީންވެފައިވާ ކަމަށާއި، އެފްއޭއެމް އިން މިކަމުގައި ރޭޑިއަންޓްއަށް އެހީވުމުގެ ނަމުގައި ކުރަނީ ޖެއްސުން ކަމަށެވެ.

ވާސިފް ވިދާޅުވީ، ކުރިޔަށް ދިޔުމަށް އޮތް މަގުތަކަށް އެފްއޭއެމް އިން ހުރަސް އަޅާފައިވާއިރު، އެފްއޭއެމް އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ދޮގުތަކެއް ހަދާފައިވާ ކަމަށެވެ.

ނިއުރޭޑިއަންޓްގެ އުވިދިޔަ ބޯޑުގައި ވާސިފްގެ އިތުރުން ރޭޑިއަންޓްގެ ހަޒާންދާރު ޒަހީނުއްދީން ހިދުމަތް ކުރި ނަމަވެސް، އެ ދެ ބޭފުޅުން ހިދުމަތްކުރީ ކްލަބު ދަރަނިވެރިވެ، ސަސްޕެންޑުވެފައި ވަނިކޮށް، ކްލަބް ކޮޅަށް ޖެހުމުގެ ނިޔަތުގައި ކަމަށްވެސް ވާސިފް ވަނީ ވިދާޅުވެފައެވެ.

މިހާރު ދިމާވެފައިވާ ކަންކަމުން ގިނަ ބަޔަކަށް އެތައް ކަމެއް އެފްއޭއެމް އިން އޮޅުވާލާފައިވާ ކަމަށާއި، އެގޮތުން ކްލަބް ލައިސަންސިންގައި އެފިލިއޭޓްވާ ކްލަބެއް ރަޖިސްޓްރީވާން ޖެހޭ ކަމަށް ބުނާއިރު، ފުރަތަމަ ޑިވިޝަންގައިވެސް ކްލަބް ލައިސަންސިންގައި ރަޖިސްޓްރީވެފައިވަނީ އެންމެ ދެތިން ކްލަބް ކަމަށެވެ.

"މިހާރުވެސް އަޅުގަނޑުމެންނަށް މިވަނީ 5 ލައްކަ ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއް ވެފައި މިކަމުގެ ސަބަބުން. އެއީ ޓީމު އެކުލަވާލަން ކޯޗިން ޓީމަށާއި، ކުޅުންތެރިންނަށް ވަނީ އެޑްވާންސް ފައިސާ ދެވިފައި. މިއީ ހަމަ ސީދާ ޒާތީ ކަމެއް. ނުލާ ހުދު ނިކުތީމަ ބިރުގަނޭ ބައެއް މީހުން" ރޭޑިއަންޓްގެ ޗެއާމަން ވާސިފް ވިދާޅުވިއެވެ.

ރޭޑިއަންޓްގެ ސަޕޯޓަރުން މާޔޫސް ނުވުމަށް އެދޭ ކަމަށާއި، ކުރިޔަށް އޮތް ތިން ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ނުލާއި ހުދުގައި ރޭޑިއަންޓް ނިކުންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށްވެސް ވާސިފް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Okay you

    ބައްސާމުގެ އަމިއްލަ ތަރިކަ މުދާތަ އެފްއޭމް އަކީ… ފުޓުބޯލައިގެ ހަލާކުތިީ😡

  2. Congratulations dear

    ރޭޑިއަންޓް އާއި އެފްއޭއެމް ދެމެދުގައި އޮތީ ޒާތީ ކަމެއްކަން މިހާރު ޔަގީން ޥެއްޖެ…ހުސް އޮޅުވާލުން.. ބައްސާމަކީ ފުޓުބޯޅައިގެ ހަލާކު!😡

  3. ައޮފްބެ

    ބައްސާމް ފުޓުބޯޅައިގެ ހަލާކު!

  4. އަހުމަދު

    މިލިއަނުން ދަރަނި އޮތީމަ ޓީމް ދޫކޮށްލާފަ، އެނުދައްކަ ހަމައެމީހުން އެޓީމުގެ ލެގެސީ ދަމަހައްޓަން އެހެންޓީމެއް ހެދިގެންނުވާނެ.