ޑިއެގޯ މެރެޑޯނާއަކީ ފުޓުބޯޅައިގެ ދިގު ތާރީހެއް އޮތް ފުޓުބޯޅަ ލެޖެންޑެކެވެ. އުމުރުން 60 އަހަރުގައި މަރުވިއިރު، އޭނާ ވަނީ ކުޅުނު ކްލަބްތަކުގެ އިތުރުން އާޖެންޓީނާ ގައުމީ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ.

މެރެޑޯނާގެ ފުޓުބޯޅަ ކެރިޔަރު 1969 ވަނަ އަހަރު އާޖެންޓީނޮސް ޖޫނިއާސްއިން ފަށާފައިވާއިރު، އޭނާ ފުރަތަމަ ހޭދަކުރީ އެ ކްލަބުގެ ޔޫތު ޓީމުގައެވެ. އެގޮތުން ޔޫތު ޓީމުން އޭނާ ސީނިއާ ޓީމަށް ކުޅެން ފަށާފައި ވަނީ 1976 ވަނަ އަހަރެވެ.

އާޖެންޓީނޮސް ޖޫނިއާގެ ސީނިއާ ޓީމުގައި ހޭދަކުރި ފަސް އަހަރު އޭނާ ވަނީ އެ ކްލަބަށް ކުޅުނު 166 މެޗުގައި 116 ލަނޑު ކާމިޔާބުކޮށްފައެވެ. އެއަށްފަހު 1981 ވަނަ އަހަރު އޭނާ ބަދަލުވީ ބޮކާ ޖޫނިއާސްއަށެވެ. އަދި އެ ކްލަބަށް ކުޅުނު 40 މެޗުގައި ވަނީ 28 ލަނޑު ކާމިޔާބުކޮށް، އޭނާ ވަނީ ކްލަބާއެކު އާޖެންޓީން ޕްރިމިއާ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައެވެ.

ބޮކާ ޖޫނިއާސްގައި އެއް ސީޒަން ހޭދަކުރުމަށްފަހު، 1982 ވަނަ އަހަރު މެރެޑޯނާ ދެން ބަދަލުވީ ބާސެލޯނާއަށެވެ އޭނާ ވަނީ ބާސާއަށް ކުޅުުނު ދެ ސީޒަނުގައި 58 މެޗު ކުޅެ، 38 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެ މުއްދަގުގައި އޭނާ ވަނީ ބާސާއާއެކު ކޮޕާޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

 

ބާސެލޯނާ ދޫކޮށް 1984 ވަނަ އަހަރު މެރެޑޯނާ ބަދަލުވީ ނަޕޯލީއަށެވެ. އޭނާ ވަނީ ނަޕޯލީއަށް ކުޅުނު ހަތް އަހަރު އެ ކްލަބަށް ކުޅުނު 259 މެޗުގައި 115 ލަނޑު ކާމިޔާބު ކުރުމުގެ އިތުރުން އެ ކްލަބާއެކު ދެ ލީގު ތަށި، އެއް ކޮޕަ އިޓަލިއާ، އެއް އިޓާލިއަން ސުޕަ ކަަޕް އަދި އެއް ޔުއެފާ ކަޕް ކާމިޔާބުކޮށްފައެވެ.

ނަޕޯލީ ދޫކޮށްލުމަށްފަހު 1992 ވަނަ އަހަރުގެ ސީޒަނުގައި މެރެޑޯނާ ބަދަލުވީ ސެވިއްޔާއަށެވެ. އެ ކްލަބަށް ކުޅުނު 30 މެޗުގައި ހަ ލަނޑު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. އަދި އެއަށްފަހު އޭނާ 1993 ވަނަ އަހަރުގެ ސީޒަނުގައި މެރެޑޯނާ ވަނީ ނިވެލްސް އޯލްޑް ބޯއިސްއަށް ބަދަލުވެ، އެ ކްލަބަށް ފަސް މެޗު ކުޅެފައެވެ.

މެރެޑޯނާ އޭނާގެ ކެރިޔަރުގައި އެންމެ ފަހުން ކުޅެފައިވަނީ ބޮކާ ޖުނިއާސްއަށެވެ. އޭނާ އެ ކްލަބަށް އެނބުރި 1995 ވަނަ އަހަރު އައިސް، ކްލަބަށް ތިން ސީޒަން ވަނީ ކުޅެފައެވެ. އެ މުއްދަތުގައި އޭނާ ވަނީ 71 މެޗު ކުޅެ، 35 ލަނޑު ކާމިޔާބުކޮށްފައެވެ.

ކްލަބް ލެވެލްގައި މެރެޑޯނާ ޖުމްލަ 589 މެޗު ކުޅެފައިވާއިރު، 310 ލަނޑު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ކުޅުނު ނުވަ ކްލަބާއެކު ޖުމްލަ ނުވަ ޓްރޮފީ ކާމިޔާބުކޮށްފައެވެ.

ކްލަބް ލެވެލްގެ އިތުރުން އާޖެންޓީނާ ގައުމީ ޓީމާއެކުވެސް މެރެޑޯނާ ވަނީ ކާމިޔާބީތައް ހޯދާފައެވެ. އެގޮތުން އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޓީމަށް 1977 ވަނަ އަހަރު ކުޅެން ފަށައި، ތިން އަހަރު ވަންދެން އޭނާ ވަނީ ޒުވާން ޓީމުގައި ތަމްސީލްކޮށްފައެވެ. އޭނާ ވަނީ ޒުވާން ޓީމަށް ކުޅުނު 15 މެޗުގައި 8 ލަނޑު ކާމިޔާބު ކުރުމުގެ އިތުރުން 1979 ވަނަ އަހަރު އެޓީމާއެކު ފީފާ ވޯލްޑް ޔޫތު ޗެމްޕިއަންޝިޕްވެސް ހޯދާފައެވެ.

އާޖެންޓީނާ ސީނިއާ ޓީމު 1977 ވަނަ އަހަރުން ފެށިގެން ތަމްސީލު ކުރަން ފެށި މެރެޑޯނާ ވަނީ އެޓީމަށް ކުޅުނު 91 މެޗުގައި 34 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެޓީމާއެކު 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އަދި 1993 ވަނަ އަހަރު އާޓެމިއޯ ފްރަންޗީ ކަޕް ކާމިޔާބުކޮށްފައެވެ.

މިގޮތުން ކްލަބް ލެވެލްގައި މެރެޑޯނާ ހޯދާފައިވާ ޓްރޮފީތަކުގެ އިތުރުން ގައުމީ ޓީމަށް ހޯދާފައިވާ ޓްރޮފީ އެއްކޮށްލުމުން އޭނާއަށް ލިބިފައިވަނީ ޖުމްލަ 11 ޓްރޮފީއެވެ. ނަމަވެސް، އިންޑިވިޖުއަލް ގިނަ ޓްރޮފީތަކެއް މެރެޑޯނާއަށް ވަނީ އޭނާގެ ފުޓުބޯޅަ ކެރިޔަރުގައި ލިބިފައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަހިބަދޫ މީހާ

    ދުނިޔޭގަ އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ބަޔަކު މީހުންނަށް ބަލައި ގަންނަން އުނދަގޫވިޔަސް މީ ކަން އޮޠް ގޮޠް.

    6
    1