ސްލޮވާކިއާގެ ގައުމީ ޓީމަށް ފާއިތުވެދިޔަ 15 އަހަރު ކުޅުނު މަރެކް ހަމްސިކް ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފިއެވެ.

ހަމްސިކް ސްލޮވާކިއާގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅުނީ 2007 ވަނަ އަހަރުއެވެ. އެއީ ޕޮލަންޑާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗެއްގައެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު ހަމްސިކް ވަނީ މުޅިއެކު ގައުމީ ޓީމަށް 134 މެޗު ކުޅެ 26 ގޯލް ޖަހައިފައެވެ. ސްލޮވާކިއާގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީވެސް ހަމްސިކް އެވެ.

" މިއީ ފަސޭހަ ނިންމުމެއް ނޫން. ވަރަށް ގިނަ ދުވަސް ވަންދެން ވިސްނިން. އެކަމަކު، އަހަރެން ނިންމައިފިން ގައުމީ ޓީމަށް ކުޅުން ހުއްޓާލަން. ގައުމީ ޓިމާއެކު ހޭދަކުރި ދުވަސްތަކާމެދު ފަހުރުވެރިވަން، " ހަމްސިކް ބުންޏެވެ.

ގައުމީ ޓީމާއެކު ހަމްސިކް ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2016 އަދި 2020 ވަނަ އަހަރުގެ ޔޫރޯގައި ކުޅެފައެވެ. ހަމްސިކްގެ ކެޕްޓަން ކަމުގެ ދަށުން ސްލޮވާކިއާ އިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ދެވަނަ ބުރަށް ދިޔައިރު 2016 ވަނަ އަހަރުގެ ޔޫރޯ އަށް ސްލޮވާކިއާ ކޮލިފައިކޮށްދިނުމުގައި އޭނާގެ ރޯލް ބޮޑެވެ. އެފަހަރު، ކޮލިފައިންގައި ސްޕެއިންގެ ފަހަތުން ދެވަނައިގައި ސްލޮވާކިއާ ނިންމާލިއިރު އެ ޓީމުން ކޮލިފައިންގައި އެންމެ ގިނަ ގޯލް ޖެހީ ވެސް ހަމްސިކް އެވެ.

ހަމްސިކް އޭނާގެ ކްލަބު ކެރިއަރު ފެށީ ސްލޮވާކިއާގެ ސްލޮވަން ބްރަޓިސްލާވާ އިންނެވެ. އޭގެ ފަހުން އިޓަލީގެ ބްރެޝިއާ އަށް ވެސް ކުޅުނު ހަމްސިކް ކެރިއަރުގެ ބޮޑު ބައެއް ހޭދަކުރީ އިޓަލީގެ ނަޕޯލީގައެވެ. 2007 ވަނަ އަހަރު ނަޕޯލީ އަށް ބަދަލުވެ އެ ކްލަބުގައި މޮޅު ކުޅުމެއް ދެއްކުމަށްފަހު ހަމްސިކް އެ ކްލަބު ދޫކޮށްލީ 2019 ވަނަ އަހަރު އެވެ. ހަމްސިކް މިހާރު ކުޅެމުން އަންނަނީ ތުރުކީގެ ކްލަބެއް ކަމަށްވާ ޓްރަބްޒޮންސްޕޯ އަށެވެ.