ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިރޭ 21:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އީގެ ގަދަ ދެ ޓީމު ކަމަށްވާ ސްލޮވާކިއާ އާއި ޕޮލޭންޑެވެ. ރަޝިއާގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމްގައި މި މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މިއީ 67800 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެއް ކަން ފާހަގަކޮށްލެވެއެވެ. ކޮވިޑުގެ ހާލަތާއި ގުޅިގެން މި މެޗަށް ވެއްދުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 30،000 އެއްހާ ސަޕޯޓަރުންނެވެ.

މި މެޗާއި ކުރިމަތިލާއިރު ގިނަބައެއްގެ ކަޅި އެންމެ ބޮޑަށް އަމާޒުވާނެ އެއް ކުޅުންތެރިޔަކީ ޕޮލޭންޑްގެ ކެޕްޓަން ރޮބަޓް ލެވަންޑޮސްކީ އެވެ. ރަނގަޅު ފޯމަކާއެކު އޭނާ މި މުބާރާތާއި ކުރިމަތިލިއިރު މިއީ މި މުބާރާތުން އެންމެ މޮޅު ކުޅުން ދައްކާނެކަމަށް ބެލެވޭ ކުޅުންތެރިންތަކުގެ ތެރެއިން އެކަކެވެ.

މި ދެ ޓީމު ވަނީ އަށް ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. މީގެތެރެއިން ސްލޮވާކިއާ މޮޅުވެފައިވަނީ ހަތަރު ފަހަރެއްގެ މަތިންނެވެ. މީގެެތެރެއިން ސްލޮވާކިއާ މޮޅުވެފައިވަނީ ހަތަރުފަހަރެއްގެ މަތިންނެވެ. ޕޮލޭންޑް މޮޅުވީ ތިން ފަހަރެއްްގެ މަތިންނެވެ. އެއް މެޗު ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ.

ޕޮލޭންޑް

ކޯޗު: ޕައޮލޯ ސޯސާ

ކެޕްޓަން: ރޮބަޓް ލެވަންޑޮސްކީ

ނިކް ނޭމް: ދަ ވައިޓް އެންޑް ރެޑްސް

ކޮލިފައިވި ގޮތް: ގްރޫޕް ޖީގެ އެއްވަނަ

ޔޫރޯއިން އެންމެ ރަނގަޅު ނަތީޖާ: ކުއާޓާފައިނަލް (2016)

އާންމުކޮށް ކުޅޭ ފޯމޭޝަން: 2-4-4 ، 3-4-3

 

ސްލޮވާކިއާ

ކޯޗު: ސްޓެފަން ޓާކޮވިޗް

ކެޕްޓަން: މަރެކް ހަމްސިކް

ނިކް ނޭމް: ފެލްކަންސް

ކޮލިފައިވި ގޮތް: ޕްލޭއޮފް (އަޔަލޭންޑް އާއި 0-0 އިން އެއްވަރުވެ ޕެނަލްޓީން މޮޅުވެގެން)

ޔޫރޯއިން އެންމެ ރަނގަޅު ނަތީޖާ: ގަދަ 16 (2016)

 

ދެ ޓީމުގެ ކޯޗުންގެ ބަސް

ޕައޮލޯ ސޯސާ (ޕޮލޭންޑް)

ވަރުގަދަ ސްކޮޑަކާއެކު މިފަހަރުގެ ޔޫރޯގައި ވާދަކުރާ ޕޮލޭންޑް ޓީމުގައި އެ ޓީމުގެ ތަރި ލެވަންޑޮސްކީ ފިޓުކޮށް ހުރުމަކީ ކޯޗުގެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ. އަދި ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތުން ވެސް ކޯޗު ފާހަގަކުރެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ސްލޮވާކިއާ އާއި ދެކޮޅަށް ކުޅެން ޖެހުމަކީ ޗެލެންޖެއް ނަމަވެސް އުއްމީދުކުރަނީ ރަނގަޅު ނަތީޖާއެއް ނެރެ މޮޅަކާއެކު މުބާރާތް ފަށަން ކަމަށް ކޯޗު ބުންޏެވެ.

ސްޓެފަން ޓާކޮވިޗް (ސްލޮވާކިއާ)

ޕޮލޭންޑާއި ވާދަކުރާއިރު އެއީ ދަށް ޓީމެއްގެ ގޮތުގައި ކޯޗު ނުދެކެއެވެ. އެ ޓީމުގެ ފޯވާޑް ލައިނުން ބޮޑު ނުރައްކާތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ނަމަވެސް ސްލޮވާކިއާ ޓީމުގައި ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ތިބެމެ، އެ ހަމަލާތައް މަތަކުރެވޭ ފެންވަރުގެ ކުޅުންތެރިން ތިބުމަކީ ހިތްހަމަޖެހުމެއްގެ ގޮތުގައި ކޯޗު ފާހަގަކުރެއެވެ.

ޓާކޮވިޗް ބުނީ މި މެޗަށް އޭނާގެ ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށާއި، އަދި މުޅި މުބާރާތަށްވެސް އޭނާގެ ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ޔޫރޯގައި ސްލޮވާކިއާގެ އަމާޒަކީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔުން ކަމަށްވެސް ކޯޗު ބުންޏެވެ. އަދި މުބާރާތަށް އެކަށީގެންވާ ވަރަށް ތައްޔާރުވެފައިވާ ކަމަށްވެސް ބުންޏެވެ.

މި މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 21:00 ގައެވެ.