މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހް، ޕްރިމިއާ ލީގުގެ ކްލަބު، ލިވަޕޫލް އާ އެކުގައި ހަދާފައިވާ އެއްބަސްވުން އާ ކުރުމަށް ފަހު، ގްރީސްގައި ޗުއްޓީ ހޭދަކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސަލާހް، ލިވަޕޫލް އާ އެކު މީގެކުރިން ހެދި އެއްބަސްވުން އަންނަ އަހަރު ހަމަވެއެވެ. އެކަމަކު، ސަލާހް ވަނީ އިތުރު ތިން އަހަރު ލިވަޕޫލްގައި މަޑުކުރަން ނިންމައި މީގެ ދެ ދުވަސްކުރިން ކޮންޓްރެކްޓްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން 2025 ގެ ނިޔަލަށް ސަލާހް 30، މަޑު ކުރާނެއެވެ. ރިޕޯޓްތައް ބުނާގޮތުން ސަލާހު ލިވަޕޫލާ އެކު ސޮއިކުރީ ހަފްތާއަކު 400،000 ޕައުންޑް ލިބޭ މުސާރައަކަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ސަލާހް ޗުއްޓީ ހޭދަކުރަމުން ދަނީ ގްރީސްގެ ރަށެއް ކަމަށްވާ މައިކޮނޮސްގައި ކަމަށްވެއެވެ. އޭނާ އެ ރަށުގައި އުޅޭ ފޮޓޯތަކެއް ވެސް ވަނީ އާންމުވެފައެވެ.

ސަލާހް މިދިޔަ ސީޒަންގައި ވަނީ ލިވަޕޫލަށާއި މިސްރަށް 51 މެޗު ކުޅެދީފައެވެ. ލިވަޕޫލަށް މިހާތަނަށް ކުޅެދިން 254 މެޗުން ސަލާހް ވަނީ 156 ގޯލް ޖަހައި ދީފައެވެ.

އިޓަލީގެ އޭއެސް ރޯމާ ދޫކޮށް 2017 ވަނަ އަހަރު 40 މިލިއަން ޑޮލަރަށް ލިވަޕޫލަށް ބަދަލުވި ސަލާހަކީ ލިވަޕޫލްގައި އެންމެ ރަނގަޅު މުސާރައެއް ލިބޭ ކުޅުންތެރިޔާއެވެ. އަދި ސަލާހަކީ ލިވަޕޫލްގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނޭ އެއް ކުޅުންތެރިޔާއެވެ.

މިދިޔަ ސީޒަނުގައި ފުޓްބޯލް ރައިޓާސް އިން ހޮވި މޮޅު ކުޅުންތެރިޔާގެ މަގާމާއި ޕީއެފްއޭގެ ކުޅުންތެރިންގެ ވޯޓުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ވެސް ސަލާހެވެ.

ސަލާހު ވަނީ ލިވަޕޫލާ އެކު ހޭދަކުރި ފަސް އަހަރު ތެރޭ އިނގިރޭސި ޕްރިމިއާ ލީގު، ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް، ކްލަބް ވޯލްޑް ކަޕް، އެފްއޭ ކަޕް އަދި ލީގު ކަޕް ޗެމްޕިއަންކަން ހޯދައިފައެވެ.

ލިވަޕޫލްއާ އެކުގައި އެއްބަސްވުން އާ ކުރުމަށް ފަހު ސަލާހް ބުނީ ލިވަޕޫލާ އެކު އާ އެއްބަސްވުމެއްގައި ސޮއިކުރީ ގިނަ ތަށިތަކެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަދި ލިވަޕޫލް އާ އެކުގައި އެއްބަސްވުމެއް ގާއިމު ކުރެވެމުން އެކަމާ އުފާ ކުރާ ކަމަށް ވެސް އެ ކުލަބުގެ ތަރި ބުންޏެވެ.