ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "އައިޔޫއެމްއެސްޔޫ ފުޓްސަލް ޓޯނަމަންޓް 2018" އިއްޔެ ފަށައިފިއެވެ.

އައިޔޫއެމްއެސްޔޫއިން މަޢުލޫމާތުދޭ ގޮތުގައި މި މުބާރާތަކީ ފާއިތުވި އަހަރުތަކެކޭވެސް އެއްފަދައިން އެ ޔުނިވާސިޓީގެ ދަރިވަރުންނާއި ލެކްޗަރާއިންގެ އިތުރަށް ޔުނިވާސިޓީގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް އެކުވެރިކަން ޤާއިމުކުރުމަށްޓަކައި ބޭއްވޭ މުބާރާތެކެވެ.

އިއްޔެ ހެނދުނު މާފަންނު ސްޓޭޑިއަމްގައި ފެށުނު "އައިޔޫއެމްއެސްޔޫ ފުޓްސަލް ޓޯނަމަނެންޓް 2018"ގެ ތިން މެޗް މިހާތަނަށް ކުޅެފައިވާއިރު ބޮޑު ސޯޅައާއި ނައިންޓީންސެވެންޓީން ބައްދަލުކުރި މެޗުން 4-3 ގެ ނަތީޖާއިން މެޗް ކާމިޔާބުކޮށްފައިވަނީ ބޮޑު ސޯޅާއެވެ. އަދި މި މެޗްގެ ޕްލޭޔަރ އޮފް ދަ މެޗަކަށް ހޮވިފައިވަނީ ބޮޑު ސޯޅައިގެ ޖަރޒީ ނަންބަރު 5 މުޙައްމަދު ފަޒީހެވެ.

ދެވަނަ މެޗްގައި ބައްދަލުކޮށްފައިވަނީ ލަޔަންސް އެފްސީއާއި އޮނަވިހި ޓީމެވެ. 3-1 ގެ ނަތީޖާއިން މި މެޗް ކާމިޔާބުކޮށްފައިވަނީ ލައިންސް އެފްސީންނެވެ. އަދި މި މެޗްގެ ޕްލޭޔަރ އޮފް ދަ މެޗަކަށް ހޮވިފައިވަނީ ލަޔަންސް އެފްސީގެ ޖަރޒީ ނަންބަރު 11 މަޙްދީ އަޙުމަދެވެ.

މި މުބާރާތުގައި ކުޅުނު ތިންވަނަ މެޗްގައި ބެޗް ފަނަރައާއި ބެޗް ފިފްޓީން ބައްދަލުކުރި އިރު، 12-4 ގެ ނަތީޖާއިން މެޗް ކާމިޔާބުކޮށްފައިވަނީ ބެޗް ފަނަރައެވެ. އަދި މި މެޗްގެ ޕްލޭޔަރ އޮފް ދަ މެޗަކަށް ހޮވިފައިވަނީ ބެޗް ފަނަރަ ޓީމްގެ ޖަރޒީ ނަންބަރު 17 އަލްއުސްތާޛް އިބްރާހިމް ރަޝީދެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މުބާރާތުގައއި ޖުމްލަ ހަތް ޓީމް ބައިވެރިވެފައިވާއިރު، މިއީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން މިފަދަ މުބާރާތެއް ބާއްވާ ތިންވަނަ އަހަރެވެ.