މެންޗެސްޓާ ޔުނައިޓެޑާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ކުލަބަކުން ހުށަހެޅި 275 މިލިއަން ޑޮލަރުގެ އޮފާ ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރޮނާލްޑޯ 37، މި ހޫނު މޫސުމުގެ ޓްރާންސްފާގައި މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަން ވަނީ ބޭނުންވެފައެވެ. ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވަނީ އެއީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ބުނެފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޓެން ހާގްގެ ޕްލޭންގައި ރޮނާލްޑޯ ހިމެނެއެވެ.

އެކަމަކު، ރޮނާލްޑޯ ޔުނައިޓެޑްގެ ކުޅުންތެރިންނާ އެކުގައި ފަރިތަކުރުންތަކުގައި އަދި ބައިވެރި ނުވެއެވެ. ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ރަހްމަތްތެރިކަމުގެ ދެމެޗުގައި ވެސް އޭނާ ނުހިމެނެއެވެ.

ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑެސް ދާދި ފަހުން ޕްރިމިއާ ލީގުގެ ކްލަބް ޗެލްސީ އާއި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްއާ އެކުގައި ބައްދަލުވުންތަކެއް ބާއްވައިފައެވެ. އެކަމަކު، އެ ދެ ކުލަބުން ވެސް ރޮނާލްޑޯ ގެންދަން ބޭނުން ނުވާ ކަމަށްވެއެވެ.

ސައުދީގެ ކްލަބަކުން ރޮނާލްޑޯ އަށް ހުށަހެޅީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެކެވެ. އެގޮތުން މުސާރައިގެ ގޮތުގައި އަހަރަކު ދޭނީ 30-40 މިލިއަން ޑޮލަރެވެ. ބާކީ ފައިސާއަކީ އެކިއެކި ސްޕޮންސަޝިޕް ޑީލްތަކާއި އެޖެންޓް ފީ އާއި ރޮނާލްޑޯ ގަންނަން ޔުނައިޓެޑަށް ދައްކާ ފައިސާއެވެ.

އެކަމަކު، ރޮނާލްޑޯ ޔޫރަޕްގައި ހުންނަން ބޭނުން ވާތީ އެ އޮފާ ގަބޫލެއް ނުކުރެއެވެ. ރޮނާލްޑޯ އަށް އޮފާ ކުރީ ކޮން ކުލަބަކުން ކަމެއް ވެސް މީޑިއާތަކުން ހާމައެއް ނުކުރެއެވެ.

މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް 24 ގޯލް ޖަހައިދީފައެވެ. އަދި ޕްރިމިއާ ލީގަށް އޭނާ ކުޅެދިން 30 މެޗުގައި 18 ގޯލް ވެސް ކާމިޔާބުކޮށްދީފައިވެއެވެ. ތޭރަ އަހަރަށް ފަހު ރޮނާލްޑޯ މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ގުޅުނީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝައްމު

    ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވަނީ އެއީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ބުނެފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޓެން ހާގްގެ ޕްލޭންގައި ރޮނާލްޑޯ ހިމެނެއެވެ.
    ރޮނާލްޑޯ ބޭނުންވަނީ ޗެމްޕިއަންސް ލީގުގަ ކުޅުމަށެވެ.

    2
    2