މ.އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެސްޑެލާ ފުޓްސަލް ޗެލެންޖް 2022 ގެ ކުއާޓާ ފައިނަލުން ނާލާފުށީގެ ކްލަބް ޑީ އަމީގޯސް އަދި މުލީގެ ފްރެންޑްސް ފުޓްސަލް ކްލަބް ޖާގަ ހޯދައިފިއެވެ.

އަމީގޯސް ކުއާޓާއިން ޖާގަ ހޯދީ ރޭ ދިއްގުރަށް ނިސްބަތްވާ ދިއްގަރުގެ އަންޑަ 19 ޓީމާ ވާދަކޮށް 1-5 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްގެންނެވެ.

މ.އަތޮޅު ކައުންސިލްގެ ސީނިއާ ކައުންސިލް އެގްޒެކެޓިވް މުހައްމަދު ރިޔާޒް ޝަަރަފުވެރިކޮށްދެއްވި މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަމީގޯސްގެ މުހައްމަދު އަޔާޒްއެވެ.

ފްރެންޑްސް ފުޓްސަލް ކްލަބް ކުއާޓާއަށް ދަތުރުކުރީ ރޭ ނާލާފުއްޓަށް ނިސްބަތްވާ އޭރިޔާ ބޯއިސްގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ބްރޯންޒް މެޑަލް ހޯދި މުހައްމަދު ޒައިދާން ޝަރަފުވެރިކޮށްދެއްވި މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ފްރެންޑްސް ފުޓްސަލް ކްލަބްގެ ކެޕްޓަން މުހައްމަދު ޔަޒްދާންއެވެ.

މުބާރާތުގައި ރޭ މުއްޔަށް ނިސްބަތްވާ އެކުވެރި ފުޓްސަލް ޓީމް އަދި މުލަކަށް ނިސްބަތްވާ ބޮލި ބްލޫސް ބައްދަލުކުރި މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެކުވެރި ފުޓްސަލް ޓީމެވެ.

ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން ޝަރަފުވެރިކޮށްދެއްވި މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ އެކުވެރި ފުޓްސަލް ޓީމްގެ އަބްދުﷲ ނާފިއުއެވެ.

މުބާރާތުގެ ކުއާޓާއަށް މިހާތަނަށް ދަތުރުކޮށްފައިވަނީ އަމީގޯސް އާއި ފްރެންޑްސްގެ އިތުރުން މިސްޔޫ ސްޕޯޓްސް އަދި ޑަބްލިއު ފައިވް ސްޕޯޓްސްއެވެ. މުބާރާތުގެ ކުއާޓާއަށް ދަތުރުކުރާ ބާކީ ޓީމުތައް ކަށަވަރުވާނީ މިރޭ ކުޅޭ މެޗުތަކަށްފަހުއެވެ.

އެސްޑެލާ ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ އަދި ރަނަރަޕްއަށް 10،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މި މުބާރާތުގެ މެއިން ޕާޓްނަރަކީ މުލަކު އަތޮޅު މުލީ ކައުންސިލް ކަމަށްވާއިރު، ލޯކަލް ގޯލްޑް ސްޕޮންސާއަކީ ބިއުޓީ ސްޓްރީޓް ހުޅުމާލެއެވެ. މުބާރާތުގެ އޮފިޝަލް ބޭންކިން ޕާޓްނާއަކީ ބޭންކް އޮފް މޯލްޑިވްސް ކަމަށްވާއިރު، އޮފިޝަލް ކިޓްސް ޕާޓްނާއަކީ ކެޕްޓަން މޯލްޑިވްސްއެވެ.އަދި މުބާރާތުގެ އޮފިޝަލް އޮންލައިން ޕާޓްނަރަކީ ވަގުތު އޮންލައިންއެވެ.

ކިޔުންތެރިންގެ ހިޔާލު