މިހާރު ރާއްޖޭގައި ކުރިޔަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގައި ތާރީހީ ކާމިޔާބެއް ހޯދައި އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ވޯލްޑް ޓުއާ މުބާރާތެއްގެ ކުއާޓާ އިން ރާއްޖޭގެ އެތުލީޓަކު ކުއާޓާއިން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

މި ތާރީހީ ކާމިޔާބީ ކުޑަ އައްޔަ ހޯދީ ފިރިހެން އޯޕަން ބައިގެ ރައުންޑް ހަތަރެއްގެ ފަސްވަނަ ހީޓްގައި ދުނިޔޭގެ ރޭންކިންގައި އުޅޭ ފްރާންސްގެ ޔާން ސަލައުންއާ ވާދަކޮށް މޮޅުވެގެންނެވެ. ހީޓްގެ އެއްވަނަ ކުޑަ އައްޔަ ހޯދީ 12.15 ޕޮއިންޓް ހޯދައިގެންނެވެ. ސަލައުންއަށް ލިބުނީ 11.15 ޕޮއިންޓެވެ.

މެންސް އޯޕަންގެ ހަތަރުވަނަ ރައުންޑުގައި ރާއްޖޭގެ އަލީ ޖާވިދު (ޖާއްޓޭ) ވަނީ ފްރާންސްގެ ފަބިއެން ތޭޒާއާ ވާދަކޮށް ބަލިވެފައެވެ. ތޭޒާއަށް 11.1 ޕޮއިންޓް ލިބުނުއިރު، ޖާއްޓެއަށް ލިބުނީ 8.9 ޕޮއިންޓެވެ. އަދި ފްރާންސްގެ ޕިއާރޭ ލުއިސް ކޯސްޓޭ އަތުން މި ރައުންޑުގައި ރާއްޖޭގެ އިޔާން އަހުމަދު ވަނީ ބަލިވެފައެވެ. ކޯސްޓޭ 15 ޕޮއިންޓް ހޯދިއިރު، އިޔާންއަށް ލިބުނީ 5.80 ޕޮއިންޓެވެ.

މުބާރާތުގެ ކުއާޓާގައި ކުޑަ އައްޔަ ނިކުންނާނީ ދުނިޔޭގެ ދެވަނައަށް ރޭންކް ކޮށްފައިވާ ޓާނާ މެކްޑެނިއަލްއާއެވެ. ކުޑަ އައްޔަ ވަނީ އިއްޔެ ތިންވަނަ ރައުންޑުގައި ޓާނާގެ މައްޗަށް ކުރިހޯދާފައެވެ.