އިނގިރޭސި ޕްރިމިއާ ލީގުގެ ލެސްޓާ ސިޓީގެ ކެޕްޓަން އަދި ގޯލްކީޕަރު ކެސްޕާ ޝްމައިކަލް ފްރާންސްގެ ކުލަބެއް ކަމަށްވާ ނީސް އަށް ބަދަލުވާން ނިންމައިފިއެވެ.

ލެސްޓާ ސިޓީގެ ތާރީހުގައި އެންމެ ކާމިޔާބު ކުޅުންތެރިންގެ ތެރޭގައި ޝްމައިކަލް ހިމެނެއެވެ. ކެޕްޓަންގެ ގޮތުގައި ހުރި ޝްމައިކަލް ވަނީ އެ ކްލަބާ އެކު، އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ ޗެމްޕިއަންކަމުގެ އިތުރުން، ކޮމިއުނިޓީ ޝީލްޑެއް ވެސް ކާމިޔާބުކޮށް ދިނުމަށް އެހީތެރިވެދީފައެވެ.

އުމުރުން 35 އަހަރުގެ ޝްމައިކަލް ވަނީ އެ ކުލަބަށް 479 މެޗު ކުޅެދީފައެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ޝްމައިކަލް ނީސްއާ ގުޅުނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޑެންމާކްގެ ގޯލް ވެސް ބަލަހައްޓަމުން އަންނަ ޝްމައިކަލް ލެސްޓާއާ ގުޅުނީ 2011 ވަނަ އަހަރުއެވެ.

އަންނަ ސީޒަނަށް ނީސް ވަރުގަދަ ކުރުމުގެ ގޮތުން ނީސް އިން ވަނީ އާސެނަލާއި ޔުވެންޓަސް އަދި ރޭންޖާސް އަށް ކުޅުނު އާރޮން ރަމްސޭގެ ސޮއި ވެސް ހޯދައިފައެވެ.