ބްރައިޓަން ދޫކޮށް، ސްޕެއިންގެ ސްޕެއިންގެ ޑިފެންޑަރު މާކް ކުކުރޭލާ ޗެލްސީއަށް ސޮއިކޮށްފިއެވެ.

ޗެލްސީން ބުނީ، ކުކުރޭލާ އެ ކްލަބަށް ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސޮއިކޮށްފައިވާ ކަމަށާއި، އަދި އޭނާ ލާނީ ތިން ނަމްބަރު ޖޯޒީ ކަމަށެވެ.

ޗެލްސީއަށް ބަދަލުވުމަށްފަހު ކުކުރޭލާ ބުނީ، މިއީ ކެރިޔަރުގައި ކުރިޔަށް ދިޔުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށާއި، މި ބަދަލާ ގުޅިގެން ވަރަށް އުފާވެފައި ހުރި ކަމަށެވެ.

މި ޓްރާންސްފާގައި ކުކުރޭލާ ހޯދުމަށް އެންމެ ބޮޑު މަސައްކަތެއް ކޮށްފައި ވަނީ މެންޗެސްޓާ ސިޓީއެވެ. ނަމަވެސް ޗެލްސީން ވަނީ އޭނާ ހޯދުމުގެ ރޭހުގައި ސިޓީގެ މައްޗަށް ކުރިހޯދާއި، ޑީލް ހައިޖެކް ކޮށްފައެވެ.

ބާސާގެ އެކަޑަމީ އިން ތަމްރީން ވެގެން އެ ކްލަބުގެ ސީނިއާ ޓީމަށްވެސް ކުޅެފައިވާ ކުކުރޭލާ ވަނީ ލޯނެއްގެ ދަށުން އެއިބާ އަދި ގެޓާފޭއަށްވެސް ކުޅެފައެވެ. އަދި ބާސާ ދޫކޮށް އޭނާ ބަދަލުވީ ގެޓާފޭއަށެވެ.

މިދިޔަ ސީޒަނުގައި ގެޓާފޭ ދޫކޮށް ބްރައިޓަންއަށް ބަދަލުވެ ކުކުރޭލާ މޮޅު ކުޅުމެއް ވަނީ ދައްކާފައެވެ. މިގޮތުން އޭނާ ވަނީ މިދިޔަ ސީޒަނުގައި ބްރައިޓަންއަށް 38 މެޗު ކުޅެ، އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމަށް އެއް މެޗު ކުޅެފައިވާ ކުކުރޭލާ ވަނީ ބާސާއާއެކު އެއް ކޮޕާޑެލްރޭ އަދި ސްޕެއިންގެ 23 އަހަރުން ދަށުގެ ޓީމާއެކު ސަމާ އޮލިމްޕިކްސްގެ ރިހި މެޑަލް ހޯދާފައެވެ.