ޕްރިމިއާ ލީގުގައި އެވަޓަން އަތުން 0-1 ގެ ނަތީޖާއަކުން ޗެލްސީ ކުރި ހޯދައިފިއެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި ބޯޅަ ކޮންޓްރޯލް ކޮށްގެން ޗެލްސީން ރަނގަޅަށް ކުޅެމުން ގޮސްފައިވާ އިރު، ހަމަލާތަކެއްވެސް އެ ޓީމުން ދިޔައީ އުފައްދަމުންނެވެ.

މުޅި މެޗުގައި ވެސް އެވަޓަން ފެނިގެން ދިޔައީ ވަރަށް ބޮޑަށް ޑިފެންސްކޮށް އޯގަނައިޒްކޮށެވެ. މިގޮތުން އެޓީމުން ދިޔައީ ޗެލްސީ ހިފެހެއްޓުމަށް މޮޅު ކުޅުމެއް ދައްކަމުންނެވެ.

ނަމަވެސް ޗެލްސީން ވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ ލީޑު ނަގައިފައެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޖީނިއޯއެވެ. މިއާއެކު، ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން އެވަޓަންގެ މައްޗަށް ޗެލްސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ޗެލްސީން އެޓޭކްކޮށް ހަމަލާތައް އުފައްދަމުން ގޮސްފައިވާއިރު، އެވަޓަން އިން ދިޔައީ ޗެލްސީ ހިފަހައްޓައި ބައިކޮޅަށް ލަނޑެއް ވަނެ ނުދިނުމަށް ބުރަ މަސައްކަތް ކުރަމުންނެވެ. އަދި މެޗުގައި އެވަޓަންއަށް ވަނީ ނަތީޖާ ހަމަހަމަ ކުރަންވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މިއީ 2017 ވަނަ އަހަރަށްފަހު ޗެލްސީން އެވަޓަން އެޓީމުގެ ދަނޑަށް ބަލިކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.