ރެއާލް މެޑްރިޑަށް ކުޅެމުން އައި ސްޕެއިންގެ އެޓޭކިންގް މިޑްފިލްޑަރު އިސްކޯ ސެވިއްޔާއަށް ބަދަލުވާން އެއްބަސްވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން މިދިޔަ ސީޒަން ނިމުމާއެކު ރެއާލް ދޫކޮށްލި އިސްކޯ ސެވިއްޔާއަށް ބަދަލުވާން އެއްބަސްވެފައި ވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުންނެވެ. އަދި އެގްރީމަންޓް ހަދާފައި ވަނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ.

އިސްކޯ ހޯދުމަށް ކުރިންވެސް މަސައްކަތް ކުރި ސެވިއްޔާއާއެކު އޭނާ މެޑިކަލް މާދަމާ ފުރިހަމަ ކުރަން ހަމަޖެހިފައިވާ ކަމަށާއި، އަދި ސެވިއްޔާއަށް އޭނާ ބަދަލުވިކަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރެއާލްއާއެކު ގިނަ ކާމިޔާބު ހޯދި އިސްކޯއަކީ މި ޓްރާންސްފާ ބާޒާރުގައި ގިނަ ކްލަބްތަކުން ހޯދުމަށް މަސައްކަތް ކުރަމުން އައި ކުޅުންތެރިޔަކަށްވާއިރު، އޭނާ ސެވިއްޔާއަށް ބަދަލުވާނެ ކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ.

ވެލެންސިއާއިން ކެރިޔަރު ފެށި އިސްކޯ ވަނީ މަލާގާއަށްވެސް ކުޅެފައެވެ. އޭނާ ރެއާލްއަށް ބަދަލުވީ 2013 ވަނަ އަހަރުގެ ސީޒަނުގައެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބާއެކު ހޭދަކުރި ނުވަ ސީޒަނުގައި 353 މެޗު ކުޅެ، 53 ލަނޑު ކާމިޔާބުކޮށްފައެވެ.

އިސްކޯ ވަނީ ރެއާލްއާއެކު ތިން ލަލީގާ، އެއް ކޮޕާޑެލްރޭ، ތިން ސްޕެނިޝް ސުޕަކަޕް، ފަސް ޔުއެފާ ޗެމްޕިއަންސް ލީގު، ތިން ޔުއެފާ ސުޕަކަޕް އަދި ހަތަރު ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.