ފްރެންކްފާޓްގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރިހޯދައި ރެއާލް މެޑްރިޑް އިން ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

ފިންލޭންޑްގެ ހެލްސިންކީ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ފުރަތަމަ ކުޅެމުންދިޔައީ ފްރެންކްފާޓް އިންނެވެ. މިގޮތުން އެޓީމުން ދިޔައީ ރެއާލްގެ ހާފަށް ބާރުބޮޑު ކުރުމަށް މަސައްކަތް ކޮށް، ހަމަލާތައްވެސް މަދުން އުފައްދަމުންނެވެ.

ނަމަވެސް ފުރަތަމަ ހާފްގެ ވަކި ހިސާބަކުން ރެއާލް އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައި، ފްރެންކްފާޓްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދާފައެވެ. މިގޮތުން 37 ވަނަ މިނެޓުގައި ޑޭވިޑް އަލަބާގެ ލަނޑުން ރެއާލް އިން ވަޏީ މެޗުގެ ލީޑު ނަގާފައެވެ.

މިއާއެކު ފުރަތަމަ ހާފް ނިމިފައި ވަނީ 0-1 ގެ ނަތީޖާއަކުން ފްރެންކްފާޓްގެ މައްޗަށް ރެއާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ރެއާލް އިން އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައިވާއިރު، ގިނަ ހަމަލާތަކެއް ފްރެންފާޓްގެ ގޯލަށް ވަނީ ފޮނުވާލާފައެވެ. އަދި މެޗުގައި ވިނީސިއަސް ޖޫނިއާއަށް ލީޑު ފުޅާކުރަން ގިނަ ފުރުސަތު ވަނީ ލިބި ބޭކާރުވެފައެވެ.

ރެއާލް އިން މެޗުގެ ލީޑު ފުޅާކުރީ 65 ވަނަ މިނެޓުގައެވެ. މި ލަނޑު ވިނީސިއަސް ޖޫނިއާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ކަރިމް ބެންޒެމާއެވެ. މި ލަނޑަށްފަހު ވެސް ރެއާލްއަށް ވަނީ މެޗުގައި ލީޑު ފުޅާކުރަން އިތުރު ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

މިއީ ރެއާލް އިން ޔުއެފާ ސުޕަ ކަޕްގައި ވާދަކުރި 8 ވަނަ ފަހަރު ކަމަށްވާއިރު، އެޓީމުން ވަނީ ފަސް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މިއީ ރެއާލްގެ ކޯޗު ކާލޯ އެންޗޮލެޓީ މި މުބާރާތް ކާމިޔާބުކުރި ހަތަތު ވަނަ ފަހަރު ކަމަށްވާއިރު، އޭނާ މި މުބާރާތް ރެއާލްއާއެކު ކާމިޔާބުކުރީ ދެފަހަރެވެ. ބާކީ ދެ ފަހަރު ހޯދީ އޭސީ މިލާންއާއެކުގައެވެ.