އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޓޭބަލް ޓެނިސް އަމްޕަޔަރު މުހައްމަދު ޔާމީމް ގިނަ މެޗުތަކެއްގައި އިންސާފު ކޮށްފިއެވެ.

ތުރުކީގެ ކޮންޔާގައި ކުރިޔަށްދިޔަ މި ގޭމްސްގައި ޔާމީން ވަނީ ޓީޓީގެ ގްރޫޕް ސްޓޭޖުގެ ފަސް މެޗު، ވިމެންސް ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލުގެ އިތުރުން މެންސް ފައިނަލްގައިވެސް އެމްޕަޔަރުކަން ކޮށްފައެވެ.

މީގެއިތުރުން މި ގޭމްސްގެ ޓީޓީ ޓީމް އިވެންޓްގެ ގްރޫޕް ސްޓޭޖު ދެ މެޗު، މެންސް ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލްގެ މެޗުތަކުގައި ވެސް ޔާމީން ވަނީ އެމްޕަޔަރުކަން ކޮށްފައެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޔާމީން ޓީޓީ މެޗެއްގައި އަމްޕަޔަރުކަން ކުރަނީ -- ފޮޓޯ: އެމްއޯސީ

މިއީ ތަޖުރިބާކާރު އެމްޕަޔަރު ޔާމީން އެމްޕަޔަރުކަން ކުރި ދެވަނަ ގޭމްސް ކަމަށްވާއިރު، އޭނާ ފުރަތަމަ ފަހަރަށް އެމްޕަޔަރުކަން ކޮށްފައި ވަނީ 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައެވެ.

މީގެއިތުރުން ޔާމީން ވަނީ ގަތަރުގައި 2021 ވަނަ އަހަރު ބޭއްވި 25 ވަނަ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް، ރާއްޖޭގައި މި އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް އަދި ސްރީލަންކާގައި 2017 ވަނަ އަހަރު ބޭއްވި އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕްގައި އެމްޕަޔަރުކަން ކޮށްފައެވެ.