މެންޗެސްޓާ ޔުނައިޓެޑުގައި އެ ކްލަބަށް ކުޅެމުން އަންނަ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މަޑުކުރާނެކަން ވަރަށް ސާފު ކަމަށް ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ޓެން ހާގް ބުނީ، ރޮނާލްޑޯ ފަދަ ކޮލެޓީ ކުޅުންތެރިން ޔުނައިޓެޑަށް ބޭނުންވާ ކަމަށާއި، އޭނާ ކްލަބުގައި މަޑުކުރުމަކީ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެއް ކަމަށެވެ.

މިއާއެކު ޓެން ހާގް ބުނީ، ޔުނައިޓެޑުގައި މިހާރު އޮތް ސްކޮޑަކީ މުޅި ސީޒަން ނިމެންދެން އޮންނާނެ ސްކޮޑެއް ކަމަށާއި، ޓީމުގައި ހިމެނޭ ކުޅުންތެރިން މަޑު ކުރާނެ ކަމަށެވެ.

ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ރޮނާޅްޑޯ ބޭނުން ވަނީ ޔުނައިޓެޑު ދޫކޮށް، ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައި ވެފައިވާ ކްލަބަކަށް ކުޅެން ކަމަށާއި، އެގޮތުން އޭނާ އަންނަނީ ބައެއް ކްލަބްތަކާއެކު މަޝްވަރާ ކުރަމުން ކަމަށެވެ.

މި ސީޒަނަށް ތައްޔާރުވުމަށް ޔުނައިޓެޑުގެ ޕްރީ ސީޒަނުގެ ބޮޑު ބައިގައި ރޮނާލްޑޯ ބައިވެރި ނުވާއިރު، އޭނާއަށް މި ސީޒަނުގެ ޕްރިމިއާ ލީގުގެ މެޗުތަކުގައި ފުރަތަމަ 11 އިން ޖާގަ ލިބުން ވަނީ ދަތިވެފައެވެ.

ރޮނާލްޑޯ ވަނީ މިދިޔަ ސީޒަނުގައި ޔުނައިޓެޑުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޯދުމުގެ އިތުރުން އެ ކްލަބަށް ގިނަ ލަނޑުތަކެއް ޖަހައި ޓޮޕް ސްކޯރާގެ މަގާމުވެސް ހޯދާފައެވެ.