ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި މިރޭ ޗެލްސީ އާއި ޑައިނަމޯ ޒަގްރެބްއާ ދެކޮޅަށް ކުޅޭ މެޗުގައި ޗެލްސީ އަށް ބަދަލުވި ގެބޮންގެ ފޯވާޑް ޕިއޭ އެމްރިކް އޮބާމަޔަން ފެނުނު ގާތް ކަން އެނގިއްޖެއެވެ.

ޓްރާންސްފާގެ ފަހު ދުވަހު ޗެލްސީ އަށް ބަދަލުވި، ފޯވާޑް އޮބާމަޔަން 33، ފެނުން ގާތް ކަމަށް ބެލެވުނީ ޗެލްސީން ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗަށް ނެގި 23 ކުޅުންތެރިންގެ ސްކޮޑްގައި އޭނާ ހިމެނުމުންނެވެ. އޮބާމަޔަން ވަނީ ޗެލްސީގެ ޓީމާ އެކުގައި ރަޝިއާ އަށް މިހާރު ދަތުރުކޮށްފައެވެ.

ބާސެލޯނާ އާއި އާސެނަލްގެ އިތުރުން ބްރޫޝިއާ ޑޯޓްމަންޑުގައި ވިދާލި އޮބާމަޔަންގެ އިތުރުން ޔުވެންޓަސް އިން ޗެލްސީ އަށް ބަދަލުވި ޑެނިސް ޒަކަރިއްޔާ ވެސް މި ސްކޮޑްގައި ހިމެނެއެވެ. އެހެންކަމުން، ޒަކަރިއްޔާ ވެސް ޗެލްސީގެ ޖާޒީގައި ފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮބާމަޔަން ފެނުން ގާތީ ޕްރޮޓެކްޓިވް މާސްކެއް އަޅައިގެންނެވެ. އެއީ އޭނާގެ ދަތް ދޮޅިއަށް ލިބިފައިވާ އަނިޔާގެ ސަބަބުންނެވެ. ދަތް ދޮޅިއަށް އަނިޔާވީ، އޭނާގެ ގެއިން ބަޔަކު ވައްކަން ކުރަން އުޅުމުން އެކަން ހުއްޓުވުމުގެ ތެރޭގައެވެ.

އޮބާމަޔަން ޖެނުއަރީ ފަހު ކޮޅުގައި ބާސެލޯނާ އަށް ބަދަލުވެ އެ ޓީމަށް ރަނގަޅު ކުޅުމެއް ދެއްކިއެވެ. އެގޮތުން ބާސެލޯނާ އަށް ކުޅެދިން 24 މެޗުގައި 13 ގޯލު ޖަހައިފައެވެ.

އޮބާމަޔަން 33، ވަނީ އާސެނަލް އަށް ޕްރިމިއާ ލީގުގެ 128 މެޗު ކުޅެދީ 68 ގޯލް ޖަހައިދީފައެވެ. އަދި އެކިއެކި މުބާރާތުގައި އާސެނަލް އަށް ކުޅެދިން 163 މެޗުގައި 92 ގޯލް ޖަހައިދިނެވެ. އޮބާމަޔަން، އާސެނަލް ދޫކޮށް ދިޔައީ އެ ކުލަބުގެ ކޯޗު މިކެލް އާޓެޓާއާ ޖެހުނު މައްސަލަތަކަކާ ގުޅިގެންނެވެ.

އެ މައްސަލަތަކާ ގުޅިގެން އޭނާ ތިން މަސް ދުވަހު އާސެނަލް އަށް ކުޅެފައެއް ނުވެއެވެ. އަދި އާޓެޓާ ވަނީ އޮބާމަޔަންގެ އަތުން ކެޕްޓަން ބޭންޑް ވެސް އަތުލައިފައެވެ. އޭނާ އަށް ފިޔަވަޅު އަޅާފައި ވަނީ ޑިސިޕްލިނަރީ މައްސަލަތަކަކާ ގުޅިގެން ކަމަށްވެއެވެ.